މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނު (މާނު) ރާއްޖެ އައުމުން އޭނާ ފުރުން މަނާކޮށް، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތް މަނީ ލޯންޑެރިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މައުމޫން ރާއްޖެ އައިސްފައި މިވަނީ ފުލުހުން އޭނާގެ މައްސަލަތަކެއް ތަހުގީގުކުރަނިކޮންނާއި އޭނާގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލާފައިވާތީ އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށެވެ.

މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި އެދިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އޭސީސީ އިން ފޮނުވި މައްސަލަތައް ދިރާސާކުރުމަށް ފަހު ދައުލަތުން ވަނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު މައުމޫންގެ މައްޗަށް ހަތް ދައުވާއެއް އުފުލާފަ އެވެ. ކޮންމެ ދައުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވާއިރު މި ހަތް ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 22 އަހަރު ދުވަހުގެ ޖަލުު ހުކުމެއް އަންނާނެ އެވެ.

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި މައުމޫން އެ ކުންފުނިން 3.1 މިލިއަން ރުފިޔާ ނަގާފައިވާކަން، އޭސީސީގެ ތަހުގީގަށް ހޯދިފައިވާއިރު، މި މައްސަލައިގައި ހިމެނޭ 3,106,189 ރުފިޔާ އަނބުރާ ހޯދުމަށް އޭސީސީން ވަނީ ނިންމައިފަ އެވެ.