ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރަކަށް އައްޔަންކުރާ ފަނޑިޔާރަކަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު އިންތިހާބު ވެވަޑައިގެންފި އެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެމްބަރު އިންތިހާބުކުރުމަށް މިއަދު ބޭއްވި އިންތިހާބުގައި، ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާއެކު ޖުމްލަ ފަސް ފަނޑިޔާރުން ވާދަކުރެއްވި އެވެ.
ފަރުހާދުގެ އިތުރުން އިންތިހާބުގައި ވާދަކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާން، ސިވިލް ކޯޓުގެ ގާޒީ ޢާއިޝަތު އަޒުފާ ޢަބްދުލްޣަފޫރު، ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު އަދި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ މި އިންތިހާބުގައި 166 ފަނޑިޔާރުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާކަމަށާއި، އަދި 163 ފަނޑިޔާރަކު ވޯޓް ދީފައިވާކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކޮށްފައިވާ ނަތީޖާ ދައްކާ ގޮތުން 163 ވޯޓްގެ ތެރެއިން ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދަށް 91 ވޯޓު ލިބިވަޑައިގެންނެވި އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާނަށް ލިބިވަޑައިގަތީ 71 ވޯޓެވެ.
- ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާން (71 ވޯޓު)
- ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު (0 ވޯޓު)
- ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު (91 ވޯޓު)
- ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) 1 ވޯޓު
- އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް، ރަފީއުއްދީން އަހުމަދު (0 ވޯޓު)
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ މި އިންތިހާބު ބޭއްވީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ‘ފަހިވޯޓް’ މެދުވެރިކޮށް ކަމަށެވެ. އަދި މިއީ ވަރޗުއަލްކޮށް މި އިންތިހާބު ބޭއްވި ފުރަތަމަ ފަހަރުކަމަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެ އެވެ.
10 މެމްބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރަކާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ކަނޑައަޅާ ބޭފުޅަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނައިބާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރު އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެކެވެ.