ސަލާމްލެއްވި މޫސާގެފާނުގެ ޙަޔާތްޕުޅާ ބެހޭގޮތުން ވާރިދުވެފައިވާ ވާހަކަތައް ކިޔައިލުމުން އަޅުގަނޑުމެންގެ އީމާންތެރިކަމަށް އިތުރު ތާޒާކަމެއް ލިބެއެވެ. އިތުރު ހިތްވަރަކާއި ޢަޒުމެއް އަޅުގަނޑުމެންގެ ޟަމީރުގައި ވެސް އުފައްދައެވެ. ނައްސި (ސިލްބީ) ވިސްނުންތަކުން ދުރުކޮށްދެއެވެ. ގޮތްހުސްވުމާއި މާޔޫސްވުން ފަދަ ނައްސި ޝުޢޫރުތަކުން އެކަހެރިކޮށްދެއެވެ. ފައްސި (އީޖާބީ) ވިސްނުމާއި ޚިޔާލާތަށް ޖާގަދެއެވެ. އުންމީދާއި ޔަގީންކަން އައުކޮށްދެއެވެ.
ސުވާލަކީ، ސަލާމްލެއްވި މޫސާގެފާނަށް ތަބާވުމަށް އަޅުގަނޑުމެން ކުރާން ޖެހެނީ ކޮންކަމެއްތޯއެވެ؟ ނަޒަރު ހިންގައި ބަލައިލައިރު، ފެންނަނީ ހަމަ ގައިމު ވެސް މޫސާގެފާނުގެ ކިބައިގައި އަޅުގަނޑުމެން ކޮންމެހެން ދަސްކުރާންޖެހޭ ހަތަރު ސިފައެއް ވާކަމެވެ.
1- ޖިސްމާނީ ބާރު:
މޫސާގެފާނަކީ ނަބީބޭކަލުންގެ ތެރެއިން ޖިސްމާނީގޮތުން ވެސް ބާރުގަދަ ބޭކަލެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެހެނީ، އެކަލޭގެފާނު ފޮނުއްވުނީ ދުނިޔެ ދުށް އެންމެ ބޮޑު އެއް އަނިޔާވެރިޔާ ފިރްޢައުނުގެ ގާތަށެވެ. އެކަލޭގެފާނު ފޮނުއްވުނީ ޝަކުވާކުރުމާއި ޖަދަލުކުރުމަށް އެންމެ ބޮޑަށް އާދަވެފައިވާ މުޖުމަތަޢަށެވެ. ބަނޫ އިސްރާއީލްގެ މީހުންގެ ފަރާތުން ނަބީބޭކަލުންނަށް ކުރިމަތިލާން ޖެހުނު ދަތިއުނދަގޫތަކުގެ ވާހަކަތައް އެބައިމީހުންގެ ފަތްފުށްތަކުގައި ވެސް އެ ހުރީ ފެންނާށެވެ. ޚުދު މޫސާގެފާނަށް އެބައިމީހުންގެ ފަރާތުން ދިމާވި ކަންކަމުގެ ވާހަކަތައް ކީރިތި ޤުރްއާނުގައި ވެސް ވާރިދުވެފައި އެވަނީއެވެ.
މޫސާގެފާނުގެ ޖިސްމާނީ ބާރުގެ ވާހަކަ ހާމަކޮށްދޭ އާޔަތްތައް ވެސް ކީރިތި ޤުރްއާނުގައި މާތްﷲ ބަޔާންކުރައްވައިފައިވެއެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ، އެކަލޭގެފާނު އެއްރެއެއްގެ ދަންވަރު ރަށުތެރެއަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، ޤިބްޠީންގެ މީހަކާ (މިޞްރުގެ އަހުލުވެރިޔަކާ) އެކަލޭގެފާނުގެ ޤައުމުގެ މީހަކު (އެބަހީ، ބަނޫ އިސްރާއީލްގެ މީހަކު) އަރައިރުންވެ ތަޅާފޮޅަމުންދާ މަންޒަރު އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. ބަނޫ އިސްރާއީލްބައިގެ މީހާ އެކަލޭގެފާނުގެ ކިބައިން އެހީއަށް އެދުނެވެ. އެ ވަގުތު މޫސާގެފާނު ގޮށްމުއްކަވައިފައި ޤިބްޠީކަލޭގެ ގައިގައި ޖެއްސެވިއެވެ. އެ ހިނދުންހިނދަށް އެ މީހާ މަރުވެގެން ވެއްޓުނެވެ. މި ވާހަކަ މާތްﷲ ޤަޞަޞް ސޫރަތުގެ 15 ވަނަ އާޔަތުގައި ބަޔާންކުރައްވައިފައިވެއެވެ.
وَدَخَلَ الْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَٰذَا مِن شِيعَتِهِ وَهَٰذَا مِنْ عَدُوِّهِ ۖ فَاسْتَغَاثَهُ الَّذِي مِن شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ فَوَكَزَهُ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَٰذَا مِنْ عَمَلِ الشَّيْطَانِ ۖ إِنَّهُ عَدُوٌّ مُّضِلٌّ مُّبِينٌ ﴿١٥﴾ قَالَ رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿١٦﴾ [القصص 15-16]
މާނައީ: "އަދި އެ ރަށުގެ އަހުލުވެރިން، ޣާފިލުކަމުގައި ތިބި ތަންވަޅެއްގައި އެކަލޭގެފާނު ރަށުތެރެއަށް ވެދެވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ، ތަޅާފޮޅާ ދެ މީހެކެވެ. އެ ތަނުން އެކަކީ، އެކަލޭގެފާނުގެ ބައިގެ މީހެކެވެ. އަނެކަކީ އެކަލޭގެފާނުގެ ޢަދުއްވުންގެ ތެރެއިންވާ މީހެކެވެ. ފަހެ، އެކަލޭގެފާނުގެ ޢަދުއްވުންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުންއެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ. އެހިނދު މޫސާގެފާނު އޭނާގެ ގައިގައި ގޮށްމުއްކަވައިފައި ޖެއްސެވިއެވެ. ފަހެ، (އެހިނދު) އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ. (އެބަހީ: އޭނާގެ ގައިގައި ޖެއްސެވުމުން، އޭނާ މަރުވީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. މި ކަންތައް މިވީ ޝައިޠާނާގެ ޢަމަލުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ ޝައިޠާނާއީ، ބަޔާންވެގެން ހުރި މަގުފުރައްދާ ޢަދާވާތްތެރިޔެކެވެ (15) އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މި އަޅާޔަށް އިބަރަސްކަލާނގެ ފާފަ ފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަ ފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. (16)"
މި ވާހަކައިން އެނގެނީ، އެކަލޭގެފާނަކީ ޖިސްމާނީގޮތުން ވަރަށް ވަރުގަދަ ބޭކަލެއްކަމެވެ. އަދި އެކަލޭގެފާނުގެ މުލައްދަނޑިފުޅުގައި ވެސް ނިކަން ބާރު ހުރިކަމެވެ. އެކަލޭގެފާނުގެ އަތްޕުޅު މަތީން އެ މީހާ ޤަތުލުވީ އެކަލޭގެފާނުގެ މާ ބޮޑު ގަސްތެއް އެ ކަމުގައި އޮވެގެނެއް ނޫނެވެ. އެ ކަމަށް އެކަލޭގެފާނު މާތްﷲގެ ޙަޟްރަތަށް އިސްތިޣްފާރުކުރައްވައި ތައުބާވެވަޑައިގެންނެވި ވާހަކަ ޖެހިގެން އައި އާޔަތުގައި އެ ވަނީއެވެ.
މާތް ﷲ އެކިއެކި މީހުންނަށް ދެއްވީ އެކިއެކި ނިޢުމަތްތަކާއި ބާރެވެ. އެ ގޮތުން އުފެދުމުގައި ވެސް ޖިސްމާނީގޮތުން ބާރުގަދަ މީހުން ތިބެއެވެ. އެހެން ނަމަވެސް، ޖިސްމާނީ ބާރަކީ އެ ކަމަށް މަސައްކަތްކޮށް އެ ކަމަށް ބޭނުންވާ ކާނާއާއި ކަސްރަތާއި އެއާ ވިދިގެން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލަކުން ވެސް ހާސިލުކުރެވިދާނޭ ސިފައެކެވެ. މުއުމިނުން ވާންޖެހެނީ އެފަދަ ބަޔަކަށެވެ. ނަބީބޭކަލުންގެ ޙަޔާތްޕުޅާ މެދު ނަޒަރު ހިންގިޔަސް، އަދި ޞަޙާބީ ބޭކަލުންގެ ޙަޔާތްޕުޅާ މެދު ނަޒަރު ހިންގިޔަސް ފެންނާނީ، ހުރިހާ ބޭކަލުންކަހަލަ ގޮތަކަށް އެބޭކަލުންނަކީ ޖިސްމާނީގޮތުން ނިކަން ވަރުގަދަ ބޭކަލުންގެ ގޮތުގައެވެ.
މާތްﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގެން ވަނީ ވެސް މުއުމިނުންގެ ތެރެއިން ވަރުގަދަ މުއުމިނުން ދެކެއެވެ. އެއީ އީމާންކަމުގެ ގޮތުންނާއި ޖިސްމާނީގޮތުން ވެސް ވަރުގަދަ މުއުމިނުންނެވެ. މި ކަމާ ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވައިފައިވެއެވެ.
الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ [مسلم]
މާނައީ: "މާތް ﷲގެ ޙަޟްރަތުގައި އެންމެ ހެޔޮ އަދި އެންމެ ލޮބުވެތި މީހެއް ކަމުގައި ވަނީ ބަލިކަށި މުއުމިނު އަޅާއަށް ވުރެ ގަދަފަދަ މުއުމިނު އަޅާއެވެ. އެ ދެ މީހުންގެ ވެސް ހެޔޮ އެބަ ހުއްޓެވެ."
ކުރީން ދެންނެވި ފަދައިން ޙަދީޘް ޢިލްމުވެރީން މި ޙަދީޘް ޝަރަޙަކުރެއްވުމުގައި އެއީ ހަމައެކަނީ ޖިސްމާނީ ވަރުގަދަކަމަށް މުރާދު ނުކުރެވޭ ކަމަށް ވިދާޅުވެއެވެ. އީމާންކަމުގެ ވަރުގަދަކަމާއި ޖިސްމާނީ ވަރުގަދަކަން ވެސް ހިމެނޭނެހެން ވަރުގަދަވުން ކަމުގައި މުރާދުކުރެވޭ ކަމުގައި ގިނަ ބޭކަލުން ވިދާޅުވެއެވެ. އެހެނީ، އީމާންކަމެއް ނެތް މުއުމިނެއްގެ ފައިދާއެއް ނެތެވެ. ހެވެއް ނެތެވެ. އީމާންކަމާ އެކު ޖިސްމާނީ ވަރުގަދަކަން ލިބިއްޖެ މުއުމިނަކަށް ވުރެ ހެޔޮ އަދި ﷲ ގެ ޙަޟްރަތުގައި ލޮބުވެތި މީހެއް ނެތްކަން ކަށަވަރެވެ. އެހެނީ، އެ މީހެއްގެ ފަރާތުން މާތް ﷲގެ ދީނަށާއި މުސްލިމް އުންމަތަށާއި މުސްލިމު އަފްރާދުންނަށް އަންނާނީ މުޅީން ވެސް ހެވެވެ. އެ މީހަކީ އިސްލާމީ އުންމަތަށް ވާ ބާރެކެވެ. އިސްލާމްދީނަށް ވާ ބާރެކެވެ. ނިކަން ޢުމަރުގެފާނު، ޢަލީގެފާނާއި ޙަމްޒަތުގެފާނާއި ޚާލިދު ބުނު ވަލީދު ފަދަ ޞަޙާބީ ބޭކަލުންގެ ސިޔަރަތަށް ނަޒަރު ހިންގައިލާށެވެ. އަޖައިބުން ފުރިގެންވާ ގަދަފަދަކަމާއި ބާރުވެރިކަން އެބޭކަލުންގެ ކިބައިން ފެންނާނެއެވެ.
މި ޒަމާނުގައި އަޅުގަނޑުމެންނަށް ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ހައްދެއް ނެތް މިންވަރަށް ކެއުމުގެ މައްސަލައެވެ. އެއްވެސް ބެލުމެއް ނެތި ކެއުމެވެ. ކާއެއްޗެހި ވެސް ޞިއްޙީގޮތުން ރަނގަޅު އެއްޗެއްސަށް ނުވުމެވެ. ހަށިގަނޑަށް ގެއްލުންދޭ ފަދަ މާއްދާތައް ހިމެނޭ ކެއުން ކެއުމެވެ. ކަސްރަތު ނުކުރުމާއި، ކަންނެތްކަމަކީ އަނެއް މައްސަލައެވެ. މިއީ ހައްތާ ވެސް މީހާ ޖިސްމާނީގޮތުން ބަލިކަށިކޮށްލާ ކަންކަމެވެ. މިއީ މުއުމިނު އަޅަކަށް އެކަށީގެންވާ ކަންކަމެއް ނޫނެވެ. މީގެ އިތުރުން އެންމެ ބޮޑު އަނެއް މައްސަލައަކީ، އީމާންތެރިކަން ވަރުގަދަކުރާން އަޅުގަނޑުމެން ކުރާ ކަންކަން މަދުކަމެވެ. އަޅުކަމަށް ދޭންޖެހޭ އަހަންމިއްޔަތުކަން ނުދިނުމެވެ. ނަމާދަށް ފަރުވާތެރިވާންޖެހޭ މިންވަރަށް ފަރުވާތެރި ނުވުމެވެ. މާތް ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އަވަސްވެގަންނާންޖެހޭ މިންވަރަށް އަވަސްވެނުގަތުމެވެ. މޫސާގެފާނު ވިދާޅުވީ، وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ [طه: 84] އެވެ. އެބަހީ، "އިބަރަސްކަލާނގެ ޙަޟްރަތަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މި އަޅާއަށް) ރުއްސެވުން އިތުރުވުމަށް ޓަކައެވެ." މިއެވެ.
2- ޢިލްމުވެރިކަން:
ކީރިތިﷲ ރުއްސުންލެއްވި މޫސާގެފާނަކީ ޢިލްމުވެރިކަމުގައި ވެސް އަރައިހުންނެވި ބޭކަލެކެވެ. މާތްﷲ ޢިލްމުވެރިކަމާއި ޙިލްމުވެރިކަން ދެއްވި އެންމެ ޢަޒުމްވަރުގަދަ ފަސް ރަސޫލުބޭކަލުންގެ ތެރެއިން ބޭކަލެކެވެ. މިއާ އެކު ވެސް ޢިލްމުގެ މަގުގައި އެކަލޭގެފާނު ހިނގައިވަޑައިގެންނެވި ވަޑައިގެންނެވުން ކަހަފް ސޫރަތުގައި ބަޔާންކުރައްވައިފައިވެއެވެ. މޫސާގެފާނާއި ޚަޟިރުގެ ވާހަކައިންނެވެ. ޢިލްމަށް ޓަކައި އެކަލޭގެފާނު ތަވާޟުޢުވެރިވެވަޑައިގެން ޚަޟިރުގެ އަރިހުގައި ކުރެއްވި ދަތުރުފުޅުގެ ވާހަކަ ވަރަށް ދިގުކޮށް ކަހަފް ސޫރަތުގައި އެ ވަނީއެވެ.
މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ﴿٦٠﴾ فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا ﴿٦١﴾ فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِنَا هَٰذَا نَصَبًا ﴿٦٢﴾ قَالَ أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ ۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا ﴿٦٣﴾ قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا ﴿٦٤﴾ فَوَجَدَا عَبْدًا مِّنْ عِبَادِنَا آتَيْنَاهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا ﴿٦٥﴾ قَالَ لَهُ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا ﴿٦٦﴾ قَالَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا ﴿٦٧﴾ وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِ خُبْرًا ﴿٦٨﴾ قَالَ سَتَجِدُنِي إِن شَاءَ اللَّهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا ﴿٦٩﴾ [ الكهف : 60 – 69 ]
މާނައީ: "މޫސާގެފާނު އެކަލޭގެފާނުގެ ޚާދިމު ކުއްޖާއަށް ވިދާޅުވި ހިނދު ހަނދުމަކުރާށެވެ! ދެ ކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާނދެން، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށް ދާނދެން (ހިންގެވުން) ދުލެއް ނުކުރައްވާ ހުށީމެވެ. (60) ފަހެ، އެ ދެ ކަނޑު ދެމެދު ގުޅުނު ހިސާބަށް އެ ދެކަލުންނަށް ވާޞިލުވެވުނު ހިނދު، އެ ދެ ކަލުންގެ (އެކުގައި ގެންދެވި ލޮނުއެޅި) މަހުގެ މަތިން އެ ދެކަލުން ހަނދުމަނެތިއްޖެއެވެ. ފަހެ (އޭރު) އެ މަސް ހަނިހަނިމަގަކުން ލައިގެން ކަނޑުގެ ތެރެއަށް ހިނގައްޖެއެވެ. (61) ފަހެ، އެ ދެކަލުން (އެ ތަން) ފަހަނަޅައި ވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ ޚާދިމު ކުއްޖާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ! ހަމަކަށަވަރުން، ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށް ބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ. (62) އެ ޚާދިމު ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެ ކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެމަތީގައި ތިމަންމެން މަޑުކޮށްލި ހިނދު، ހަމަކަށަވަރުން، ތިމަން އެ މަހުގެ މަތިން ހަނދާން ނެތުނީއެވެ. އަދި އެ މަހުގެ މަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، ޝައިޠާނާ ފިޔަވައި އެހެން އެއްޗެއް ނޫނެވެ. އަދި އެ މަސް ޢަޖާއިބެއް ފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެ މަގު ހޯދައިގެން ހިނގައްޖެއެވެ. (63) އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ބޭނުންވެގެން މި އުޅެނީ އެ ތަނެވެ. ދެން އެ ދެ ކަލުންގެ ފިޔަވަޅު ބައްލަވަމުން އެ ދެ ކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ. (64) ދެން (އެ ތަނުން) އެ ދެ ކަލުންނަށް ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން (ޚާއްޞަ) އަޅަކު ފެނިވަޑައިގަތެވެ. އެބޭކަލަކަށް ތިމަންރަސްކަލާނގެ ޙަޟްރަތުން ރަޙްމަތެއް ދެއްވީމެވެ. އަދި އެބޭކަލަކަށް ތިމަންރަސްކަލާނގެ ޙަޟްރަތުން ޚާއްޞަ ޢިލްމެއް އުނގަންނައިދެއްވީމެވެ. (65) އެބޭކަލަކަށް މޫސާގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ދެއްވައިފައިވާ ޢިލްމުން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު ތަބާވަންތޯއެވެ؟ (66) އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުޅަދާނަވެގެނެއް ނުވާނެތެވެ. (67) ކަލޭގެފާނަށް އެ ކަމެއްގެ ޙަޤީޤަތް އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ، ކޮންފަދައަކުންތޯއެވެ؟ (68) އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ. (69)"
މިއީ މޫސާގެފާނު ޢިލްމުގެ މަގުގައި ކުރެއްވި ދަތުރުފުޅެއްގެ ވާހަކައެވެ. ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަކީ ޢިލްމުވެރި ބޭކަލުންނެވެ. އެ ބޭކަލުންނަށް މާތް ﷲ ވަޙީގެ ޒަރީޢާއިން ދެއްވާ ޢިލްމުގެ އިތުރުން ވެސް ދުނިޔެވީ ތަޖުރިބާއާއި އެކިއެކި ގޮތްގޮތަށް ޢިލްމު ހާސިލުކުރައްވާން އެ ބޭކަލުން ނުހަނު އިސްކަމެއް ދެއްވިއެވެ.
މިއަދު އަޅުގަނޑުމެންނަށް ވެސް ބޭނުންވަނީ ޙަޤީޤީ ޢިލްމުވެރިކަމެވެ. މިއަދުގެ ހިތި ޙަޤީޤަތަކީ ޢިލްމެއް ނެތް ސަނަދުވެރީން ގިނަވެފައިވާ ކަމެވެ. ޢިލްމުވެރީންނަށް ވުރެ ބޮޑަށް ޖާހިލުންނާއި ރޯނު އެދުރުން ކަމުވޮށިގެންވާ މަޤާމުތަކާއި މަންޞަބުތަކަށް އިސްކުރެވޭ ކަމެވެ. ޙަޤީޤީ ޢިލްމުވެރިކަމެއް ނެތި އަޅުގަނޑުމެންގެ އުންމަތެއް ކުރިއެއް ނާރާނެއެވެ. ޞަޙާބީބޭކަލުން އޭރު ދުނިޔޭގެ ބޮޑެތި "ސްޕަރޕަވަރުތައް" ބަލިކުރެއްވީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ލިބިވަޑައިގެންނެވި ޢިލްމާއި ތަރުބިއްޔަތާއި އަޚްލާޤިއްޔަތުގެ މަތިވެރި ސިފަތަކުގެ މައްޗަށެވެ. އެ ބޭކަލުންނަކީ އެ ބޭކަލުންގެ ތެރެއިން ޢިލްމުވެރީންނަށް ޙައްޤު މަޤާމު ދެއްވި ބޭކަލުންނެވެ. ޢިލްމުގެ ކުރިމަތީގައި ތަވާޟުޢުވެރިވެވަޑައިގެންނެވި ބޭކަލުންނެވެ. މިއަދު އަޅުގަނޑުމެންގެ އުންމަތް ނަގައި ކޮޅަށްޖަހަން ބޭނުން ނަމަ އަޅުގަނޑުމެން ބަލަންވީ ރަސޫލުބޭކަލުންނާއި ޞަޙާބީ ބޭކަލުންގެ މަންހަޖަށެވެ.