އާއިލާއަށް ބޭނުންވާކަންތައްތައް ގާނޫނުގެ އިމުގެތެރޭގައި ކުރެވޭވަރުގެ ތަނަވަސްކަން އެބަހުރި ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދުގެ ހުރިހާ ދަރިންނަށް އެޕާރޓްމަންޓް ގަނެފައިވާކަމަށް ބުނެ އޮންލައިން ނޫސް "ދިޔަރެސް" އިން މިއަދު އާންމުކުރި ހަބަރަކާ ގުޅިގެން ސޯޝަލް މީޑިއާގައި ޝާހިދު ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ޝާހިދު ވިދާޅުވީ ދިޔަރެސް ނޫހުގައި އޭނާ އާއި އާއިލާގެ އަބުރުކަތިލުމުގެ މަގުސަދުގައި ކުދިން ހުޅުމާލެއިން އެޕާޓްމެންޓް ގަނެގެން އުޅޭ ވާހަކަ ލިޔެފައިވާ ކަމަށެވެ.
ދިޔަރެސް އިން ބުނެފައި ވަނީ ޝާހިދުގެ ދަރިކަލުން ޔަމީން އަށް ވެސް ރެއިން ކްރެސްޓް އިން އެޕާޓްމަންޓެއް ގަނެފައިވާ ކަމަށެވެ. އޭގެ ކުރިން ޝާހިދުގެ ހަގު އަނބިކަނބަލުން ޒިފްލީނާ އާއި އޭނާގެ ދަރިފުޅަށް އެޕާޓްމަންޓް ގަނެފައިވާކަމަށް ވެސް މީޑިއާތަކުގައި ހަބަރު ދައުރުވި އެވެ.
މިކަމާ ގުޅިގެން ޝާހިދު ވިދާޅުވީ އޭނާގެ ދަރިކަލުން ޔަމީން ރެއިން ކްރެސްޓް އިން ގަނެފައިވާ އެޕާރޓްމެންޓް ގަނެފައި ވަނީ ބޭންކް އިން ލޯނެއް ނަގައިގެން ކަމަށެވެ. އަދި ލޯނު މިހާރު ވެސް ގެންދަނީ އަނބުރާ ދައްކަމުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ދިޔަރެސްގައި އެބުނާ އެޕާޓްމެންޓްތައް ގަނެފައިވަނީ ސަރުކާރުގެ ވަޒީރުކަމުގައި ހުންނެވި މިދިޔަ 5 އަހަރުގެ ތެރޭގައި ނޫން ކަމަށާއި އެޕާޓްމަންޓް ގަތްއިރު ހުންނެވީ މިހާރެކޭ ވެސް އެއްފަދައިން އިދިކޮޅު ޕާޓީގެ މީހެއް ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މާލޭގައި 10 ބުރީގެ އެޕާޓްމެންޓް ބިލްޑިންގެއް ޢިމާރާތްކޮށް ކުއްޔަށްދިނުމުގެ ވިޔަފާރި ކުރަމުން އަންނަތާ އެތައް ޒަމާނެއްވެއްޖެ. الله ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުގެ ޢާއިލާއަށް ބޭނުންވާކަންތައްތައް ޤާނޫނުގެ އިމުގެތެރޭގައި ކުރެވޭވަރުގެ ތަނަވަސްކަންވަނީ މިންވަރު ކުރައްވާފައި،" ޝާހިދު ވިދާޅުވި އެވެ.
އޭނާ އާއި އޭނާގެ ދަރިންނަކީ ވެސް ދިވެހި ރައްޔިތުންނަށް ވާތީ އެބޭފުޅުންނަށް ވެސް މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު ގާނޫނު އަސާސީގެ 40 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މިކަމާމެދު ސުވާލުކުރައްވާ ފަރާތްތަކުން އަބުރުކަތިލާ ޒާތީ ދިރިއުޅުމުގެ ކަންކަމާބެހި ގަނާކުރުމުގެ ބަދަލުގައި ގާނޫނީ އިމުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހުށަހަޅުއްވައި އެކޮމިޝަނުން މިކަންކަން ބެއްލެވުމަށް މަރުހަބާ ކިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.