ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ހުޅުމާލެއިން އަގު ބޮޑު ފްލެޓެއް ބައްލަވައިގެންފި އެވެ.

ހަލީލް ބައްލަވައިގަތީ 3.1 މިލިއަން ރުފިޔާއަށްދޭ 1،235 އަކަފޫޓްގެ، ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ.

އެ ފްލެޓް ހަލީލްގެ ނަމަށް ބަދަލުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެގޮތުން އެ ކޯޓުން މި މަހުގެ 7 ވަނަ ދުވަހު ވަނީ ހަލީލް އެ ފްލެޓްގެ އަގު ދައްކަވާފައިވާތީ ފްލެޓް އޭނާ އަށް މިލްކު ވެފައިވާ ކަމަށް ހުކުމްކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ކުރީގެ ނިލަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަބްދުﷲ ހަލީލްގެ އާއިލާގެ 12 މީހަކަށް ފްލެޓް ލިބުނު މައްސަލައަކީ ވެސް ވަރަށް ބޮޑަށް ދެކެވުނު ވާހަކައެކެވެ. އެކަމާ ގުޅިގެން އޭނާ ވިދާޅުވެފައިވަނީ ނުފޫޒު ބޭނުންކޮށްގެން އާއިލާ މީހުނަށް ފްލެޓް ހޯދައިނުދޭކަމަށެވެ.

ކުރީގެ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޒިފްލީނާ ވެސް ދާދިފަހުން ވަނީ ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެންފަ އެވެ. އޭނާ ވެސް ބައްލަވައިގަތީ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ.