އާއްމުންނާ ގުޅޭ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވިއްކާ ކާބޯތަކެތި މޮނިޓަރކުރުމަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ގިނަ ބާރުތަކެއް ދިނުމަށް ނިންމާ ބިލެއް މާދަމާ ރައީސް ތަސްދީގު ކުރައްވާނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ ގާނޫނު ތަސްދީގުކުރުމުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވައިދުތަކާ ހިލާފަށް ކާބޯތަކެތި ހަދާފައިވާ ނަމަ އެތަނެއް ޖޫރިމަނާ ކުރުމުގެ ބާރާއި ބަންދުކުރުމުގެ ބާރު ވެސް އެ އޮތޯރިޓީއަށް ވަނީ ދީފަ އެވެ.

ސާފުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ބިދޭސީންގެ މައްސަލަތަކެއް ފެންމަތިވެ އާއްމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ވަގުތެއްގައި އާ ބިލްގެ ވާހަކަ މިއަދު އިއުލާން ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލެވެ.

މިކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ ކާބޯތަކެތި ހަދައި ވިއްކާ ތަންތަން ބަލާފާސްކޮށް، ފިޔަވަޅު އެޅުމުގެ ބާރު މިހާތަނަށް އެމްއެފްޑީއޭއަށް ލިބިފައިނުވާކަމަށާއި ނަމަވެސް މާދަމާ ބިލަށް އަމަލުކުރަން ފެށުމާއެކު ފިޔަވަޅު އެޅުމުގެ ބާރު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ގަވައިދާ ހިލާފުވާ ތަންތަން ބަންދުކޮށް، އެކަންކަން އިސްލާހުކުރުމުން ހުޅުވަން ހުއްދަ ދިނުމުގެ ބާރު ވެސް އެމްއެފްޑީއޭއަށް ލިބިގެން ދާނެ އެވެ.

މިނިސްޓަރު ވިދާޅުވީ، ގަވައިދުތަކާ ހިލާފަށް ކާބޯތަކެތި ހަދައި ވިއްކާ ނަމަ، އެއް މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އެ ފަރާތަކާ މެދު ޖިނާއީ ފިޔަވަޅު ވެސް އެޅޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ގާނޫނުގެ ދަށުން ސާފުތާހިރުކަން ހުންނަންވީ މިންގަނޑުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

"ކާބޯތަކެތީގެ ޤާނޫނުގެ ދަށުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތަކާއި ކާބޯތަކެތި ރައްކާތެރިކަމާއެކު ބެހެއްޓުމުގެ މިންގަނޑުތައް ކަޑައެޅިގެން ދިއުން" މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.

ރައްކާތެރި ނޫންކޮށް ކާބޯތަކެތި ހަދައި ވިއްކާ މީހުން ދެނެގަންނަން އެންމެ އުނދަގޫވަނީ، އެ ތައްޔާރުކުރާ ފަރާތް އެނގެން ނެތުމުންކަން ފާހަގަ ކުރައްވާ ހަލީލް ވިދާޅުވީ ކާބޯތަކެތި ތައްޔާރުކުރާ މީހުންނަށާއި ތަންތަނަށް ލައިސަންސް ނަންބަރެއް ދޫކުރާނެ ކަމަށާ، އެ ލައިސަންސް ނަންބަރު ލޭބަލްގައި ޖަހަން ޖެހޭނެ ކަމަށެވެ. އެ ނަންބަރާއެކު އެތަކެތި ތައްޔާރު ކުރި މީހާ ފަސޭހައިން ދެނެގަނެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އާއްމު ސިއްހަތާ ބެހޭ ގާނޫނުގެ ދަށުން، ރަޖިސްޓްރީކޮށްގެން ހިންގާ، ކެއިންބުއިމާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް މި ޖެނުއަރީ މަހުން ފެށިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 1،579 ތަނެއް ބަލާ ފާސްކޮށްފައިވާއިރު، ސާފުތާހިރުކަން ކުޑަވެގެން 14 ތަނެއް ބަންދުކޮށްފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ. މިންގަނޑުތަކަށް ފެއްތުމުން، އެއްތަން ފިޔަވައި އެހެން ތަންތަން އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.