ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ޕޮލިސް ބޯޑަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމުން ގިނަ ބަޔަކު ފާޑުކިޔަން ފަށައިފި އެވެ.

ހާމިދު ފުލުހުންގެ ބޯޑަށް އައްޔަން ކުރަން ފާސްކުރީ އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑއިގެންނެވި ނުވަ މެމްބަރުންގެ ވޯޓުންނެވެ.

ހާމިދަކީ ހދ. ހޮނޑައިދޫން ބަނގުރަލާއެކު ހައްޔަރު ކުރުމަށްފަހު، އޭނާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާ ތަކެތި ދޭން އެންގުމުން އެކަމަށް އިންކާރު ކުރި މީހެކެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ އުފުލި އެވެ. ނަމަވެސް ހުކުމާ ހިސާބަށް ގޮސްފައި ވަނިކޮށް ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ބައެއް މީހުން ބުނެފައި ވަނީ ހާމިދު އެ ބޯޑަށް އައްޔަންކުރުމަކީ ފުލުހުންނަށް ކުރި މަލާމާތެއް ކަމަށެވެ. އަދި އޭނާ މަސައްކަތްކުރާނީ ސީދާ ޒާތީ ހަސަދަ ފިލުވާލަން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ ޕޮލިސް ބޯޑަށް އައްޔަންކުރަންވާނީ އަޚުލާގު ރަނގަޅު، މުޖުތަމައު ބަލައިގަންނަ ފަދަ ތައުލީމީ މީހުން ކަމަށެވެ. ހާމިދަކީ އެއިން އެއްވެސް ކަމަކަށް ނުފެތޭ އެއަށް ވުރެ ހުތުރު ގޮތަކަށް އުޅެފައި ހުރި މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ހާމިދު އައްޔަންކުރަން ނިންމުމަކީ ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލަން އެމްޑީޕީން ރާވައިގެން ހިންގި ކަމެއް ކަމަށް ވެސް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

ހާމިދު ފުލުހުންގެ ބޯޑަށް އައްޔަން ކުރަން ފާސްކުރީ ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ ބައެއް ބޭފުޅުން ވެސް އެ މަގާމަށް ކުރިމަތިލައްވާފައި ވަނިކޮށެވެ. އެއިން އެއްވެސް ބޭފުޅެއްގެ ނަމެއް ފާހެއް ނުވި އެވެ. އަދި ހާމިދަލީ ފުލުހުންނަށާއި ކޯޓަށް ފިލައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެފައިވާ މީހެކެވެ.

އޭރު އޭނާއެކަން ކުރީ މަޖިލީހުގެ އޭރުގެ ރައީސް އަދި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބާރުގެ ދަށުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހާމިދަކީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އެއްބަނޑު ބޭބެ އެވެ.