ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސަލްމާން ޚާން އާއި އައިޝްވާރްޔާ ރާއީގެ ލޯބީގެ ގުޅުމަކީ 2000ގެ ކުރީކޮޅުގެ އަހަރުތަކުގައި މީޑިއާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި ހަބަރެކެވެ.

ފިލްމު "ހަމަ ދިކް ދޭ ޗުކޭ ސަނަމް"އިން ބައްދަލުވެ އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނުއިރު މާ ގިނަ ދުވަހެއް ނުވެ އެ ގުޅުން ވަނީ ނިމުމަކަށް އައިސްފަ އެވެ.

ސަލްމާން އާއި އައިޝްވާރްޔާގެ ގުޅުން ނިމުމަކަށް އައި ސަބަބާމެދު މީޑިއާގައި އެތައް ވާހަކައެއް ފެތުރުނެވެ. އެކަމާ ބެހޭޭގޮތުން އައިޝްވާރްޔާ ވެސް ވަނީ މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.

އައިޝްވާރްޔާ ބުނެފައިވަނީ އެމީހުންގެ ގުޅުން ނިމުމަކަށް އަންނަން މެދުވެރިވި މައިގަނޑު ސަބަބަކީ ސަލްމާންގެ ކިބައިގައި ހުރި ނޭދެވޭ ސިފަތަކެއް ކަމަށެވެ.

އެގޮތުން މާ ގިނައިން ރާ ބުއިމާއި އޭނާއަށް ގެވެށި އަނިޔާކުރުން ފަދަ ކަންކަން ސަލްމާންގެ ފަރާތުން ފެނިގެންދިޔަ ކަމަށް އައިޝްވާރްޔާ ބުންޏެވެ.

ސަލްމާންއާ ވަކިވުމަށްފަހު 2007 ވަނަ އަހަރު އައިޝްވާރްޔާ، އަބީޝޭކް ބައްޗަންއާ ކައިވެނިކުރިއިރު އަދިއަދަށް ވެސް ސަލްމާން ކައިވެންޏެއް ނުކުރެ އެވެ.