ބޮލީވުޑްގެ ޒުވާން ތަރި ޓައިގާ ޝްރޮފްއަކީ އެއް އިރެއްގައި ބޮލީވުޑްގެ އެންމެ އުއްމީދީ ތަރިންގެ ތެރޭގައި ހިމެނުނު ތަރި އެކެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އޭނާގެ ނަން ބޮލީވުޑްގެ އުދަރެހުން ވަނީ ފަނޑުވެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓައިގާ ގިނަ އަދަދެއްގެ ފިލްމުތަކަށް ސޮއިކޮށްފައިވީ ނަމަވެސް އެ ފިލްމުތައް އަންނަނީ ކެންސަލް ވަމުންނެވެ. އެގޮތުން އެންމެ ފަހުން އޭނާ ސޮއިކުރި ފިލްމު "ހީރޯ ނަމްބަރު 1" ވެސް މިހާރު ވަނީ ކެންސަލްވެފަ އެވެ.

ޓައިގާގެ ފިލްމުތައް އެއް ފިލްމަށްފަހު އަނެއް ފިލްމު ކެންސަލްވަމުން ދިއުމުގެ ފަހަތުގައި ވަނީ އޭނާގެ އަގުބޮޑު ފީތަކާއި ޑިމާންޑްތައް ކަމަށް ހަބަރުތައް ބުނެ އެވެ.

މިއާއެކު ޓައިގާގެ ފިލްމީ ހަޔާތުގައި އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު ދާއިރާގެ ޕްރޮޑިއުސަރުން އޭނާއާ އެކު މަސައްކަތްކުރަން ބޭނުން ނުވާ ކަމުގެ އަޑުތަކެއް ވެސް އަންނަނީ ފެތުރެމުންނެވެ.

ފާއިތުވި އަހަރުތަކުގައި ޓައިގާގެ ފަރާތުން ކާމިޔާބު ފިލްމެއް ފެނިފައިނުވާއިރު އޭނާގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ވެސް ލިބެމުން އަންނަނީ ވަރަށް ފިނި ތަރުހީބެކެވެ.

ފިލްމީ އާއިލާއަކަށް ނިސްބަތްވާ ޓައިގާ ބޮލީވުޑަށް ވަދެފައިވަނީ 2014 ވަނަ އަހަރު ނުކުތް ފިލްމު "ހީރޯޕަންތީ"އިންނެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ބަޑޭ މިޔާ ޗޯޓޭ މިޔާ" އިންނެވެ.