ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި ވިޔަފާރިތައް ފެށުމަށާއި އާ އީޖާދީ ހިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން" ތައާރަފުކޮށްފި އެވެ.
މިއަދު ފެށި "ޔޫތު އޮންޓްރަޕްރިނާސް އެކްސްޕޯ" ގައި މި ފައިނޭންސިން ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއެވެ. މި ފެސިލިޓީއަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި ނެގޭ ގޮތަށް ހުޅުވާފައިވާ ފުރުސަތެކެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭ މި ފެސިލިޓީއަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ފަހި ފުރުސަތެކެވެ.
އަހަރަކު 7 އިންސައްތައިގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ ދަށުން، ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ޕްރޮސެސްކޮށް ނިންމައި، އަވަހަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން، ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ލިބޭނެ އެވެ. ފައިސާގެ އެހީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި، މެންޓާޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މި ފެސިލިޓީ އިފްތިތާހުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން ގަބޫލުކުރާ ގޮތުގައި މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.
"އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި އެއް ބިލިއަން ރުފިޔާގެ ފައިނޭންސިންގ ސްކީމްގެ ސަބަބުން، ޒުވާނުންގެ ޚިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި، ދިގު މުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ބިނާކުރުމަށް އެހީތެރިވެދޭނެ." ޝަރީފް ވިދާޅުވި އެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ، ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން މެދުވެރިކޮށް، 24 ގަޑިއިރު ތެރޭގައި ލޯނު އެޕްރޫވްކޮށް، ފަސޭހަކަމާއެކު ފައިސާ ދޫކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން ޒުވާން ވިޔަފާރިވެރިންގެ ހިޔާލުތައް ލަސްކަމެއް ނެތި ހަގީގަތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ. ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވިޔަފާރި ފެށުމަކީ ފަސޭހަ ކަމަކަށް ހަދައި، އާ ޖީލުގެ ވިޔަފާރިވެރިން އިތުބާރާއެކު އެމީހުންގެ ވިޔަފާރީގެ ދަތުރު ފަށައިދިނުމަށް."
މި ފައިނޭންސިން އަކީ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި، ރާއްޖޭގެ އާ ޖީލުގެ ވިޔަފާރިވެރިންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ރަމްޒެކެވެ.
ސީރިޔާ އާއި ލުބުނާނުން އިޒްރޭލު ސިފައިން ބާލަން އަންގައިފި
އެމެރިކާއިން އީރާނުގައި ހިންގި މިޝަންއަކަށް ހޮލީވުޑް ފިލްމެއް!
