އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާންމާ ދެކޮޅަށް އަޑު އުފުލަމުންދިޔަ އާއިޝަތު ޝާދިޔާ އާއި ޝަޒްރާ އިބްރާހިމްގެ ބަންދުކުރީ ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތަކުގެ އަޑު ރާއްޖެއިން ކަނޑުވާލުމަށް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތުން މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝާދިޔާ އާއި ޝަޒްރާ އިތުރު 5 ދުވަހަށް ބަންދު ކުރުމަށް ސަރުކާރުން އެދިގެން ނިންމި ނިންމުން ކުށްވެރިކުރާ ކަމަށެވެ.

މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތަކުގެ އަޑު ރާއްޖެއިން ކަނޑުވާލުމަށް މި ސަރުކާރުން ހިންގާ ލާއިންސާނީ އަމަލެއް ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.

އަދާލަތު ޕާޓީން ވަނީ އެ ދެމީހުން ދޫކޮށްލުމަށް ގޮވާލާ ކުރިން ބަޔާނެއްވެސް ނެރެފަ އެވެ. ސައްތައިން ސައްތަ މުސްލިމް މި ދައުލަތުގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދެވި ދެ ކަނބަލުން ހައްޔަރު ކުރެވުމަކީ ވަރަށް ނާތަހުޒީބު އަދި ދީނީ ހަމަތަކުން ބެލި ނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އަދާލަތުން ބުނެފައިވެ އެވެ.

ޝާދިޔާއަކީ އަދާލަތު ޕާޓީގެ ޖުޑީޝަލް ކޮމިޓީގެ މުގައްރިރު އަދި ދީނީ އިލްމުވެރިޔާ މުހައްމަދު އިޔާޒުގެ އަނބިކަނބަލުންނެވެ.