އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުންދަނިކޮށް ހައްޔަރުކުރި އާއިޝަތު ޝާދިޔާ އާއި ޝަޒްރާ އިބްރާހީމް މިއަދު ދޫކޮށްލައިފި އެވެ.

އޮގަސްޓް 28 ގައި އެ ދެމީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ފަދަ އަމަލުތަކެއް ހިންގުމުގެ ތުހުމަތެވެ.

ޝާދިޔާ އާއި ޝަޒްރާގެ ބަންދަށް ފުރަތަމަ ޖެހީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވެގެން އެ ދެމީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު ފަސް ދުވަސް ވަނީ ޖަހައިފަ އެވެ.

ޝާދިޔާ އަކީ ދީނީ އިލްމުވެރިޔާ މުހައްމަދު އިޔާޒުގެ އަނބިކަނބަލުންނެވެ. އިޔާޒު ގެންދަވަނީ އެކަމާއި ގުޅިގެން ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިކަމާއި ގުޅޭގޮތުން އިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން އެދުނީ 15 ދުވަހަށް މުއްދަތު އިތުރުކުރަންކަމަށާއި ނަމަވެސް ވަކީލުން ރައްދުދިނުމުން ޝަރުތުތަކާއި އެކު ދޫކޮށްލަން މައްސަލައެއް ނެތްކަމަށް ފުލުހުން ބުނި ކަމަށެވެ.

"ގާޒީ ވިދާޅުވީ ޝަރުތުތަކާއި އެކު ދޫކޮށްލަން މައްސަލައެއް ނެތިއްޔާ ފުލުހުންނަށް އެކަން ކުރެވޭނެ ކަމަށް ކީކުރަންތޯ ކޯޓުގެ ވަގުތުތައް ނަގާލަނީ އެއްސެވި. ފުލުހުން އިތުރަށް އެދުނީ އެމްބަސީތަކުގެ ކައިރިއަށް ނުދާން ޝަރުތު ކުރުމަށް. ގާޒީ ވިދާޅުވީ ގާނޫނު އަސާސީ އާއި ހިލާފަށް ޝަރުތު ނުކުރެވޭނެ ކަމަށް. އެއަށްފަހު 50 ފޫޓަށްވުރެ ކައިރި ނުވެ ހިޔާލު ފާޅުކުރަން އެއްބަސްތޯ އެއްސެވި. ޤާނޫނާ ހިލާފު ނުވާގޮތަށް ކުރަން އެއްބަސްވާ ކަމަށް ބުނުމުން ބަންދު ދޫކޮށްލުމަށް ނިންމެވި" އިޔާޒުގެ ޕޯސްޓުގައިވެ އެވެ.

ޝަޒްރާ އާއި ޝާދިޔާ އަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ސިލްސިލާކޮށް އަޑުއުފުލަމުން ގެންދާ ދެ މީހުނެވެ. ފާއިތުވި ދުވަސްތަކުގައި ވަނީ ސައުދީ ސަފީރު ހުޅުމާލެގައި ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ އަޑުއުފުލައިފަ އެވެ.