މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ދަށުން ހިނގަމުންއައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަކީ މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގަ އެވެ.

ރައީސް މިގޮތަށް ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ކޮމިއުނިކޭޝަން ދާއިރާ ރެގިއުލޭޓުކޮށް، ކުރިއެރުވުމުގެ ޒިންމާ މަތިކޮށްފައިވާ އޮތޯރިޓީއެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގެ ކުރީކޮޅު ކޮމިއުނިކޭޝަން އޮތޯރިޓީ ހިންގީ އޭރު އުފެއްދެވި ކޮމިއުނިކޭޝަން މިނިސްޓްރީގެ ދަށުންނެވެ. ދައުރުގެ ކުރީކޮޅު އެ މިނިސްޓްރީ އުވާލުމާ ގުޅިގެން އެ އޮތޯރިޓީ ބަދަލުވީ އެންވާރަމެންޓް މިނިސްޓްރީގެ ދަށަށެވެ.