ގދ. ތިނަދޫ އަދި ރ. އަލިފުށިން ރޯޑްޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މުވައްޒަފުންތަކެއް ވަކިކޮށްފައިވާކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އިންތިހާބަށް ވި ވައުދުތަކާ ހިލާފަށް، އިތުރު އެއްވެސް ގޮތެއް ދައްކައި ނުދީ، ތިނަދޫއިން 35 މުވައްޒަފުން އަދި އަލިފުށިން 22 އާރުޑީސީ މުވައްޒަފުން ކަނޑާލާފައިވާކަމަށެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާރަންދޫ ކައުންސިލުގެ ބައި-އިލެކްޝަން ކާމިޔާބުކުރަން ފެނަކައަށް 12 މުވައްޒަފުން ނެގިއިރު ތިނަދޫ އާއި އަލިފުށީގެ އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލީ އެ މުވައްޒަފުންނަށް އެތައް ފަހަރަކު ވަޒީފާގެ ޔަގީންކަން ދިނުމަށް ފަހުގައިކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ހަރަދު ކުޑަކުރުމުގެ ނަމުގައި މީހުން ވަޒީފާތަކުން ކެނޑުމަށް ފަހު ހައްދެއް ނެތި ސިޔާސީ މުވައްޒަފުން ނަގަމުން ދިޔުމުން އެނގެނީ ސަރުކާރުގެ އިހުލާސްތެރިކަން ނެތްކަން" ފައްޔާޒު ވިދާޅުވި އެވެ.

ސިޔާސީ ބާރުވެރިކަން އިތުރުކުރަން ވަޒީފާގެ ބިރު ދައްކައިގެން ނުވާނެކަމަށާއި ވަޒީފާއިން ވަކިކުރުމުގެ ކުރިން އިތުރު ގޮތެއް ހޯދައިދިނުމަށް މަސައްކަތްތަކެއް ކޮށް އެމަގުން ކަންކަން ކުރިކަން ރައްޔިތުންނަށް އަންގާދިނުމަކީ ސަރުކާރުގެ ޒިންމާގެ އެންމެ ކުޑަ މިންވަރުކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކުގައި ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުން ފިޔަވައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ރިޔާސީ ކެމްޕޭންތެރޭގައި ތަކުރާރުކޮށް ސަތޭކަފަހަރު ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.