ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް އަމިއްލަ ކުންފުނި، ވިޓޯލްއާއަށް ބޮޑު ފައިދާއެއް ލިބޭ ގޮތަށް އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ފަށަން ތައްޔާރުވެއްޖެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުނީ ބަންކަރިން ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މި ޚިދުމަތް ފެށުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއްް ނިމިފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފަށަނީ މިދިޔަ މާޗް ވަނަ ދުވަހު ވިޓޯލްއާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. ވިޓޯލް ކުންފުނިން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގް އެވެ.

އެސްޓީއޯއިން އެންމެ ފުރަތަމަ ބަންކަރިން ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިން ހިންގާ އެމްއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައިސީ ބެރިއާ" އަށެވެ. އަދި މިއީ މި އުޅަނދަށް ޝެޑިއުލްކުރެވި ދެވޭ ޚިދުމަތެއް ކަމަށް އެކުންފުނިން ބުނެ އެވެ.

އެސްޓީއޯ އާއި ވިޓޯލް ކުންފުނިން އިހަވަންދިއްޕޮޅުގެ ބަންކަރިން ޕްރޮޖެކްޓުގެ ޓާމް ޝީޓުގައި ސޮއިކުރައްވަނީ. -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ބުނީ އެ ބޯޓު މީގެ ކުރިން ބަންކަރިން ހޯދަނީ އަވަށްޓެރި ލަންކާއިން ކަމަށެވެ. އެއީ ރާއްޖެއިން "ލޯ ސަލްފާ ފިއުލް" ލިބެން ނެތުމުން ކަމަށް އެކުންފުނިން ބުނެ އެވެ.

"ވައިސީ ބެރިއާ" އަކީ ކޮލަންބޯ އާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުން ކުރާ މިއުޅަނދަކީ 1،100 ކޮންޓެއިނާ އުފުލޭ އުޅަނދެކެވެ.

މި ހަފްތާގެ ތެރޭގައި ބަންކަރިން ޚިދުމަތް އެސްޓީއޯއިން ފަށާއިރު، މިހާރު ވެސް މި ޚިދުމަތަށް އެދި ބުކިންތައް ލިބެމުންދާ ކަމަށް އެކުންފުނިން ބުނެ އެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުބާރުހުރި ޚިދުމަތަކަށްވުމުން މާކެޓް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެ ގަ އުމުތަކުގެ ބަނދަރުތަކުން މި ޚިދުމަތް ފޯރުކޮށްދިން ނަމަވެސް، ރާއްޖޭގައި މި ޚިދުމަތް ފަށަނީ، ދެ ބޯޓާ އެކު އެވެ. އެއީ އޮފް-ޝޯކޮށް ދޭ ޚިދުމަތެކެވެ. މި ހިދުމަތް ދިނުމަށް ވިޓޯލްގެ މެޕްގައި ރާއްޖެ މިހާރު ވަނީ ހިމަނާފަ އެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމުން މުޅިން އަލަށް 400 މިލިއަން ޑޮލަރު ޖީޑީޕީއަށް ވަންނާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ބަންކަރިން ޕްރޮޖެކްޓްގެ މައުލޫމާތު އެނގޭ މީހަކު "ހުރިހާ"އާ ވާހަކަދައްކަމުން ވިދާޅުވީ މި މަޝްރޫއުން އެންމެ ބޮޑު ފައިދާއެއް ލިބެނީ ވިޓޯލްއަށް ކަމަށެވެ.

"މިކަން އެސްޓީއޯއިން މިކުރާ ގޮތަކީ ވިޓޯލްއިން ކްރެޑިޓަށް ދޭ ތެޔޮއިން ވިއްކަނީ. ހަގީގަތުގައި މީގެ ބޮޑު ފައިދާ މި ލިބެނީ ވިޓޯލްއަށް،" އޭނާ ވިދާޅުވި އެވެ. "އެސްޓީއޯއަށް ލިބެނީ ވިއްކާ ތެލުން ދިހަ ޕަސެންޓަށް ވުރެ ވެސް ކުޑަ ފައިދާއެއް. ހަގީގަތުގައި މިއީ އެސްޓީއޯ އިން އަމިއްލައަށް ވެސް ކުރެވޭނެ ކަމެއް."

އެސްޓީއޯއިން ބަންކަރިން ޚިދުމަތް ފޯރުކޮށްދޭން ފަށާއިރު، މި ޚިދުމަތާ ގުޅޭ އިތުރު 14 ޚިދުމަތެއް އުތުރު މެރިޓައިމް ސާވިސްގެ ތެރެއިން އެމްޕީއެލްއިން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.