ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ މެންބަރު، އައިޝަތު ސަޖުނީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިތުރު ބޯޑު މެންބަރަކު އިސްތިއުފާ ދީފައިވާއިރު، އެ ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް ވަނީ މި މަހުގެ 9 ގައި އިސްތިއުފާ ދެއްވާފަ އެވެ. މީގެ އިތުރުން ބޯޑު މެންބަރު އައިޝަތު ނޫރައްދީން ވަނީ 27 އޮގަސްޓްގައި އިސްތިއުފާ ދެއްވާފަ އެވެ.

ބީއެމްއެލްގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ މެންބަރުގެ ގޮތުގައި ސަޖުނީ އައްޔަންކޮށްފައިވަނީ 2021 ގަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު ސަޖުނީ ވަކިކުރަން ނިންމުމަށްފަހު އޭގެ ދެ ދުވަސް ފަހުން އެ ނިންމުން ބަދަލުކޮށް އޭނާ ވަނީ އަނެއްކާ ވެސް ބޯޑަށް އައްޔަންކޮށްފަ އެވެ.

ބީއެމްއެލްގެ ކާޑުތަކުގެ ޑޮލަރު ލިމިޓަށް ބަދަލު ގެންނަން ނިންމާ އިއުލާން ކުރުމުން އެއީ އިދިކޮޅާ ގުޅިގެން ކުރަން އުޅުނު މާލީ ބަޣާވާތެއްކަމަށް ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެގެ އިސްވެރިން ތުހުމަތު ކުރެއްވުމާއެކެ، ފުލުހުން ވަނީ ތަހުގީގެއް ފަށާފަ އެވެ.

ސަރުކާރުން މިހާރު ވަނީ ބީއެމްއެލްގެ ގެ ބޯޑަށް އައްޔަންކުރުމަށް ތިން ނަން ފޮނުވާފަ އެވެ. އެގޮތުން ބޯޑުގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރުމަށް ފޮނުވާފައިވަނީ ރައީސް މުއިއްޒުގެ ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި، އަހްމަދު އަލީ ހަބީބުގެ ނަމެވެ.