ރާއްޖޭން ސައުދީ އަރަބިއްޔާއާ އެކު ވިޔަފާރި އާއި އިގުތިޞާދު ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ވަނީ ސޮއި ކުރެއްވީ މިނިސްޓަރު ސައީދެވެ. ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއި ކުރެއްވީ ކޮމާސް މިނިސްޓަރު އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް ބޯޑު މެންބަރު މާޖިދު ބިން އަބުދުﷲ އަލްގަސަބީ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ގުޅުން ހަރުދަނާވެ، ބޯޑަރު ހުރަސްކޮށް ކުރެވޭ ފޮރިން އިންވެސްޓްމެންޓްތައް އިތުރަށް ފުޅާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ވިޔަފާރި އާއި ފަތުރުވެރިކަމާއި އިމާރާތް ކުރުންފަދަ މުހިންމު ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

މި އެމްއޯޔޫއަކީ ކުރިއަށް އޮތް ތަނުގައި ރައީސް މުހައްމަދު މުއިއްޒުގެ އިގުތިޞާދީ ތަސައްވުރު ފުއްދުމަށް ލިބިގެންދާނެ ބާރެއް ކަމަށާއި މިއީ ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށް އިއްޔެގެ ބައްދަލުވުމުގައި ސައީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމަށް ފަހު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކުގައި މަސައްކަތް ކޮށް އާ ދާއިރާތަކަށް އިންވެސްޓްމަންޓުތައް ހޯދުމަށް ދެ ގައުމުން ވެސް އޮތީ ތައްޔާރަށް ކަމަށެވެ.