ވޭޕާއި އީ ސިނގިރެޓް ބޭނުންކުރުމުން ކުޅުންތެރިންގެ ޕާފޯމަންސަށް އެކަމުގެ އަސަރުކުރާތީ ކުޅިވަރު ޖަމިއްޔާތަކުން ވެސް ވޭޕާ ދެކޮޅަށް ތެދުވެއްޖެ އެވެ.

ކުޅިވަރުގެ 21 ޖަމިއްޔާއެއް ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކުޅިވަރު ކުޅުންތެރިންގެ މެދުގައި ވޭޕު ބޭނުންކުރާ މިންވަރު ކަންބޮޑުވާ މިންވަރަކަށް އިތުރުވެ، އޭގެ ނުރައްކާ ދުވަހުން ދުވަހުން އިތުރުވެ ފެތުރެމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުޅުންތެރިންގެ ފުއްޕާމެއަށް އޭގެ އަސަރުކޮށް، ކުޅިވަރު ކުޅުމުގެ ޕާފޯމަންސަށް އަސަރު ކުރަމުން އަންނަ އެ ޖަމިއްޔާތަކުން ބުންޏެވެ.

މިކަމަކީ ދިވެހިރާއްޖޭގެ ކުޅިވަރާއި، ދުޅަހެޔޮކަން ޕްރޮމޯޓުކުރުމަށް ސަރުކާރުންނާއި މަދަނީ ފަރާތްތަކުން ކުރާ މަސައްކަތަށް ހުރި ބޮޑު ގޮންޖެހުމެކެވެ،" އެ ބަޔާނުގައިވެ އެވެ.

އެކަމުގެ ސަބަބުން ކުޅިވަރުން ރާއްޖެއިން ހޯދަން ކަނޑައަޅާ ރަންވަނަތަށް ހޯދުމަށް ހުރަސްއެޅެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އަންނަން އޮތް ޖީލުތައް މިވަބާއިން ސަލާމަތްކުރުމަށް އީ ސިނގިރެޓާއި ވޭޕް ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކުރަން އެ ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.

މީގެކުރިން ސިއްހީ ދާއިރާގެ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ވޭޕާއި އީ ސިނގިރެޓް ރާއްޖޭގައި މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅާފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ރައީސް މުއިއްޒު ވަކިއެއްޗެއް އަދި ވިދާޅެއްނުވެ އެވެ.