އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި މަސްފެންގަނޑު ހަދަން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާން ބާތިލުކުރަން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އަންގަވައިފި އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އިގުތިސާދު އޮތްގޮތުން މި މަސައްކަތަކީ މިވަގުތު ކުރަން އެންމެ ރަނގަޅު މަސައްކަތެއް ނޫން ކަމަށެވެ. އަދި އެ އިއުލާން ބާތިލުކުރަން މިހާރު އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފެންގަނޑަކީ މީގެ ކުރިން ވެސް އެތަނުގައި އޮތް ފެންގަނޑެއްކަމަށާއި މިހާރު ކުރިއަށްދަނީ މަރާމާތުކުރުމުގެ މަސައްކަތް ކަމަށެވެ.

"އަސްލު އެ ފެންގަނޑަކީ މަރުކަޒު އެޅީއްސުރެ މުންނާރު ތިރީގައި އޮންނަ ފެންގަނޑެއް. އެތަން މަރާމާތުކުރުމުގެ މަސައްކަތް ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މަސްފެންގަނޑެއް ހެދުމަށް ނިންމާ، ޝައުގުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމިކް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލީ އިއްޔެ އެވެ.

މިފަދަ ހާލަތެއްގައި މަސްފެންގަނޑު ހަދަން އިއުލާންކުރުމުން އާންމުންގެ ފާޑުކިޔުން އަމާޒުވުމާއެކު އިއުލާން ބާތިލްކުރުމަށް ވަނީ ނިންމާފަ އެވެ.