ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އިނގިރޭސިން ދީފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދަން ސަރުކާރަށް ކުރެވުނީ ކީއްތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވައިފި އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން އައި ސަރުކާރަށް ހެދުނީ "ޗަ ގޯސް" ކަމަށެވެ.

"ދަރިއަކު ދުނިޔެއަށް އުފަން ކުރާހާ މުއްދަތު ވެރިކަމަށް ފާއިތުވެގެން ދިޔައިރު" ކަނޑުގެ ސަރަހައްދުން ގެއްލުނު ވައުދު ފުއްދަން ކުރެވުނީ ކޮން ކަމެއްތޯ ޔާމީނު ސުވާލު އުފެއްދެވި އެވެ.

"މިއީ އަޅުގަނޑު އުފައްދާ ސުވާލު، އދ. އަށް ދެވިއްޖެޔޭ، 10 މިލިއަން ހަރަދު ކުރެވިއްޖެޔޭ، މިއޮތީ، މިނިސްޓަރު ތޯރިގަށް މި ދަންނަވަނީ ދުނިޔެއާ ގުޅިފައޭ ތިއޮތީ، ކޮންކަމެއްހެއްޔޭ އަޅުގަނޑުމެންނަށް ބޭނުންވާ އެންމެ މުހިންމު ކަންތަކުގައި، އިނގިރޭސިވިލާތާ ހަމައަށް ދެވުނުހޭ، މި ވާހަކަ ހުށަހެޅުނުހޭ، އިނގިރޭސިންނާއި އަޅުގަނޑުމެންނާ މުއާމަލާތު ކުރެވިއްޖެހޭ ވާހަކަ ދެއްކިއްޖެހެއްޔޭ އަޅުގަނޑުމެން މިކަން ކުރަން،" ޔާމީނު ސުވާލު އުފެއްދެވި އެވެ.

ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން އެންމެ ކުޑަމިނުން އިނގިރޭސިވިލާތާ ވާހަކަދައްކާލަން މި ސަރުކާރަށް ނުކެރުކަމަށް ވިދާޅުވެ ޔާމީން ސުވާލު އުފެެއްދެވި އެވެ.

"ފޯޅަވަހި ގެއްލިގެން ދިޔައިރު ބަހެއް ބުނެނުލާ. ދިހަ މަސްވެގެން ދިޔައީ ސަރުކާރުން ކަނޑުގެ ސަރަހއްދު ހޯދަން ކުރި މައްސަލައެއް ނެތް. ޗާގޯސް ބީވެގެން ހިނަގެއްޖެ. މިނސިްޓަރު ތޯރިގު ވިދާޅުވެ ދެއްވަބައްލަވާ ދުނިޔެއާ ގުޅިފައި އޮތުމުން ވީ ފައިދާއެއް،" ޔާމީން ވިދާޅުވި އެވެ.

އައްޑު އަތޮޅުގެ ދެކުނުން 400 މޭލު ދުރުގައި އޮންނަ ޗާގޯސްގެ ރަށްތައް، ބައިގަރުނަށް ފަހު އަނބުރާ މޮރިޝަސް އަށް ދޭން އިނގިރޭސިން އެއްބަސްވީ ބައިނަލްއަގުވާމީ ކޯޓުގައި ވެސް އެ މައްސަލަ ދިގު ދެމިގެން ގޮސް، އެންމެ ފަހުން ކުރި މަޝްވަރާތަކަށް ފަހު އެވެ. ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ މިނިވަންކަން މޮރިޝަސް އަށް ދޫކޮށްލާ އިރު އެމެރިކާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ވެސް މޮރިޝަސް އަށް ދޫކޮށްލާނެ އެވެ.

ޑިއެގޯ ގާސިއާ އަކީ އެމެރިކާގެ މަނަވަރުތަކާއި ދިގު ރާސްތާ ދަތުރުތަކުގައި ބޭނުންކުރާ ބޮން އަޅާ ބޯޓުތައް ބޭނުންކުރާ އަސްކަރީ މަރުކަޒެކެވެ. ޑިއެގޯ ގާސިއާ އަކީ އެމެރިކާ އަށް ދިގު މުއްދަތަކަށް ކުއްޔަށްދީފައި އޮންނަ ތަނެކެވެ. ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އިނގިރޭސިން އެއްބަސްވީ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒު ހިންގާ ގޮތަށެވެ. އިންޑިއާ ކަނޑުގައި އޮންނަ ޑިއެގޯ ގާސިއާ އަކީ ޗައިނާ އާއި އިންޑިއާ އިން ވެސް ހޯދަން ބޭނުންވާ ތަނެކެވެ.

ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލިކަން އިއުލާންކުރީ ދެ ގައުމުގެ ބޮޑުވަޒީރުން ނެރުއްވި ބަޔާނެއްގަ އެވެ.