ގަސްދުގައި މީހަކު މަރާލުމުގެ ތުހުމަތުގައި ނުހައްގުން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަތާ 48 އަހަރު ފަހުން އޭނާގެ ކުށެއް ނެތްކަން ސާބިތުވެ މިނިވަން ވެއްޖެ އެވެ.

ޖަޕާނަށް ނިސްބަތްވާ މިހާރު އުމުރުން 88 އަހަރުގެ އިވާއޯ ހަކަމަޑާ ޖަލަށް ލާން ހުކުމް ކުރެވުނީ 1966 ވަނަ އަހަރު ހިނގި މަރުގެ މައްސަލައެއްގަ އެވެ.

އެ މައްސަލާގައި އޭނާގެ އަންހެނުންނާއި ދަރިންގެ އިތުރުން އޭރު އުޅުނު ވަޒީފާގެ ވެރިމީހާ ގަސްދުގައި މަރާލި ކަމުގެ ތުހުމަތު ހަކަމަޑާއަށް ކުރެވުނެވެ.

އޭރު ކުރިއަށް ގެންދެވުނު ތަހުގީގުތަކުން އެ ކުށް ހަކަމަޑާގެ މައްޗަށް ސާބިތުވެ ހުކުމް ކުރެވުނީ އެވެ. އެ ތަހުގީގުތަކުގެ ތެރެއިން އޭނާ އެ ކުށަށް އިއުތިރާފުވި ނަމަވެސް އެ އިއުތިރާފަކީ ގަދަކަމުން ކުރުވި ކަމެއް ކަމަށް ފަހުން އޭނާ ބުނެފައިވެ އެވެ.

2023 ވަނަ އަހަރު ޓޯކްޔޯގެ ކޯޓަކުން އެ މައްސަލަ އަލުން ބަލަން ފެށިއިރު މީގެ 45 އަހަރު ކުރިން ހުށައަޅާފައިވާ ހެކިތަކަކީ ދޮގު ހެކިތަކެއްކަން ސާބިތުވި އެވެ.

ނުހައްގުން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަތާ 48 އަހަރު ފަހުން މިނިވަން ވީއިރު ހަކަމަޑާ ވެފައިވަނީ މުޅި ދުނިޔޭގައި ވެސް މަރުގެ މައްސަލައެއްގައި އެންމެ ގިނަ ދުވަސް ވަންދެން ޖަލު ހުކުމެއް ތަންފީޒުކުރި ގައިދީ އަށެވެ.