މަސްތުވާތަކެތީގެ ވިޔަފާރި ކުރި ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހަތަރު މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

އޮކްޓޫބަރު 16 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ، ގދ. ތިނަދޫ / ރަންގަލް، ހަސަން ލޫތު (45އ)، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހަސަން ރަޝީދު (36އ)، ތ. ތިމަރަފުށި / ވައިޓްރޯސް، އިސްމާއިލް ޝަރީފް (43އ) އަދި މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހިމް (35އ) ގެ މައްޗަށެވެ.

މި ހަތަރު މީހުން ޖަލަށްލާން ހުކުމްކުރުމުގެ އިތުރުން ޖޫރިމަނާކޮށްފައިވެ އެވެ. އެގޮތުން، ހަސަން ލޫތު ދެ މިލިއަން ރުފިޔާއިން، ހަސަން ރަޝީދު އެއް މިލިއަން ރުފިޔާއިން އަދި އިސްމާއީލް ޝަރީފާއި ޝާނިޔާ އިބްރާހިމް 500،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ.

މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 ޖަނަވަރީ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މިއަދު ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އެމީހުންނާ ގުޅުންހުރި މާލޭގެ ހަތަރު ތަނެއް ބަލައިފާސްކޮށްފައިވެ އެވެ. އެގޮތުން ގ. ނީ، މއ. ހަނީސަކަލް، މ، ބުރެހިމާގެ އަދި މ. ރޭއަލި ގެސްޓު ހައުސް ބަލައިފާސްކުރުމުގެ ތެރެއިން، 54 ގްރާމް ޑައިމޯފިން އާއި 266 ގްރާމް ކެނަބިސް ފެނިފައިވެއެވެ. އޭގެ އިތުރުން 1,542,675 ރުފިޔާ ފެނިފައިވެއެވެ. މި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ކަނޑައަޅައި ދައުލަތަށް ނެގުމަށްވެސް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވެއެވެ.

މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 މާރިޗު 10 ވަނަ ދުވަހު އެވެ.