ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އުވާލަން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި އެ ޕާޓީގެ ބޭފުޅުން އުޅުއްވާތީ އެކަމާ ދެކޮޅަށް އެ ޕާޓީގެ އާންމު މެމްބަރުން ނުކުމެ އިހްތިޖާޖު ކުރަންޖެހޭ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މިއީ ޕީޕީއެމްގެ އާންމު މެމްބަރުންގެ މިސްރާބު ބަދަލުކުރަންޖެހޭ ވަގުތު ކަމަށެވެ.
ޕީޕީއެމް އުވާލަން އުޅޭ ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރަމުން ދަނިކޮށް މިއަދު ބޭއްވި އެ ޕާޓީގެ ސެނެޓް ބައްދަލުވުމުގައި ވަނީ ޕާޓީ ފަސޭހައިން އުވޭލެވޭގޮތަށް އަސާސީ ގަވާއިދު އިސްލާހުކޮށްފަ އެވެ. މިއަދު ގެނައި އިސްލާހުގެ ދަށުން ސެނެޓުން ފާސްކޮށްގެން ޕާޓީ އުވާލެވޭނެ އެވެ.
ޕީޕީއެމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު އޮތް އިދިކޮޅު ޕާޓީ ޑީއާރްޕީ ދެބައިވެގެން އުފެއްދި ޕާޓީއެކެވެ. އެ ޕާޓީގެ ފުރަތަމަ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
އެ ޖަލްސާގައި ޔާމީން ވަނީ ސަރުކާރުގެ ކުންފުނިތަކުން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އެގޮތުން ސްޓެލްކޯއަށް ގިނައިން ފައިސާ ހޯދުމަށްޓަކައި ގަސްތުގައި ރައްޔިތުންގެ ކަރަންޓް ބިލްތައް ބޮޑުކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތަކުން ކޮރަޕްޝަންގެ އަމަލުތައް ހިންގާއިރު، އެ މައްސަލަތައް ބެލުމަށް މަތިކޮށްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު ނާޅާތީ އެމަނިކުފާނު ވަނީ އެ ކޮމިޝަނަށް ފާޑުވިދާޅުވެފަ އެވެ.
"އޭސީސީ އާއި ސަރުކާރުގެ ކުންފުނިތައް ކައިރިއަށް ރައްޔިތުން އެއްވެ ޖަވާބުދާރީކުރުވަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.