އިންޑޮނީޝިއާގެ ރައްޔިތެއް ކަމަށްވާ ޚައިރުލް އަނަމް ސަމާލުކަން ހޯދުމަށްޓަކައި މިފަހަރު ކުރީ މުޅިން ތަފާތު ކަމެކެވެ. ސޯޝަލް މީޑިއާގައި ވައިރަލް ކުރުމަށްޓަކައި އޭނާ ކުރި ކަމަކީ ރައިސް ކުކަރަކާ ކައިވެނި ކުރުމެވެ.

ރައިސް ކުކަރަކާ މި މަހު ކުރީކޮޅު ކައިވެނި ކުރުމަށް ފަހު ޚައިރުލް އަނަމް ވަނީ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ. ކައިވެނީގެ ހަފުލާ އަށް އޭނާ ތައްޔާރުވެ ވެޑިން ޑްރެސް ލައި، ރައިސް ކުކަރަށް ވެސް ހުރީ ވެޑިން ޑްރެސް ލައްވައިފަ އެވެ. ފޭސްބުކްގައި އޭނާ ޝެއާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ކައިވެންޏަށް ފަހު ރައިސް ކުކަރު ކައިރީ އޭނާ އިށީނދެގެން އިނދެ އެވެ. އަދި ރައިސް ކުކަރަށް ބޮސް ދޭ ފޮޓޯއެއް ވެސް ލާފައިވެ އެވެ. ކައިވެނީގެ ލިޔުންތަކުގައި ސޮއިކުރާ ފޮޓޯތައް ވެސް ލާފައިވެ އެވެ.

ފޮޓޯތަކާ އެކު ޚައިރުލް އަނަމް ލިޔެފައިވާ ތައާރަފްގައި ވަނީ ރައިސް ކުކަރާ އޭނާ ކައިވެނި ކުރަން ނިންމީ އެއީ ކައްކައިދިނުމުގައި ވަރަށް ރަނގަޅަށް އެހީތެރިވެދޭ އެއްޗަކަށްވާތީ ކަމަށެވެ.

ޚައިރުލް އަނަމް މި ކުރިކަމަކާ ގުޅިގެން ފޭސްބުކްގައި ވަރަށް ގިނަ މީހުން ހަޖޫ ޖަހައި ހެދި އެވެ. ގާތްގަނޑަކަށް 10،000 އަށް ވުރެ ގިނަ ލައިކްސް އާއި 1،200 އަށް ވުރެ ގިނަ ކޮމެންޓް ކޮށްފައިވެ އެވެ. ޚައިރުލް އަނަމްގެ މަގްސަދު ހާސިލްވީ ކަމަށް ބެލެވިދާނެ އެވެ. އޭނާ ބޭނުންވީ ސޯޝަލް މީޑިއާގެ ސަމާލުކަން ދަމައިގަތުމެވެ.

އެއަށް ވުރެ ބޮޑަށް ހައިރާންވީ ހަތަރު ދުވަސް ފަހުން އޭނާ ރައިސް ކުކަރު ވަރި ކުރުމެވެ. ޚައިރުލް އަނަމް ބުނި ގޮތުގައި ކައްކައިދިނުން ފިޔަވައި އެހެން ކަމެއް ރައިސް ކުކަރަކަށް ނުވެ އެވެ. އެހެންވެ ވަރި ވެސް އޭނާ އިއުލާން ކުރީ ފޭސްބުކުގަ އެވެ. މިކަހަލަ ތާކުންތާކު ނުޖެހޭ ކަންތައް ކުރާ މީހުން ވެސް އުޅެނީތާ އެވެ.