ޓެކްސް އެޕީލް ޓްރައިބިއުނަލްއިން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސް މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސާއި އިތުރު ދެ މެންބަރަކު މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. އެ މެންބަރުން ވަކިކުރީ ޓެކްސް އެޕީލް ޓައިބިއުނަލްގެ މެންބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ގޮތަކަށް މައްސަލަ ނިންމައި، ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން ފާހަގަވެފައިވާތީ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމުމުންނެވެ.

އެ ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މަގާމަށް ކުރިމަތިލާން އާންމުކޮށް ހުޅުވައިލުމުން 13 ބޭފުޅުންވަނީ އެ ކަމަށް ކުރިމަތިލައްވައިފަ އެވެ.

ކުރިމަތިލީ މެމްބަރުންނަކީ:

ހަސަން ޒުހައިރު މުޙައްމަދު، ގ. މާވަރުލު

އައިޝަތު އާދަމް، ރިވެލި/ ރ. އަލިފުށި

އިބްރާހިމް ޝަރީފް، ގ. އަލްޝާ

ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ/ ގއ. ނިލަންދޫ

އަހްމަދު ސައީދު، މ. ފަތްކޯޅި (ހުޅަނގުބައި)

އަބްދުﷲ އަބްދުލްހަކީމް އަޒާން ޕެލަސް/ ޅ. ނައިފަރު

މުޙައްމަދު އަމީން ޒާހިރު، ނީލާ/ ސ. ހިތަދޫ

މުޙައްމަދު ފާރިސް ޠާހާ، ހ. ސޯސަން

އަބްދުލް ޣަނީ މުޙައްމަދު، ހ. ހޯސްސައިޑް

އަހްމަދު އަލީ، ހުޅުމާލެ ފްލެޓް 1-ޖީ-108

އަލީ ރިޒާ އިސްމާއިލް، ހުޅުމާލެ ހިޔާ 2-13-3

ފާތިމަތު ޝަފީނާޒް، ހުޅުމާލެ ގޯތި 11،021

މަޖީދު އަލީ، މަތަރެސްމާގެ/ ގއ. ދާންދޫ

މި ބޭފުޅުންގެ ނަންފުޅުތައް ދިރާސާކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރާނެ ހަތަރު ބޭފުޅެއް ކަނޑައެޅުމުގެ މައްސަލަ މިއަދު މަޖިލީހުގެ ރިޔާސަތުންވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާފަ އެވެ.

ޓްރައިބިއުނަލްގެ މެންބަރު ކަމަށް މިހާރު ހުންނެވީ މެންބަރު އިސްމާއިލް ސާޖިދު އެކަންޏެވެ. މަގާމުން ވަކިކުރި މެންބަރުންގެ މައްސަލަތައް މަޖިލީހަށް ހުށައެޅީ ސާޖިދެވެ.