ދުނިޔޭގައި އާއްމުކޮށް މީހުން އާބާދުވެ އުޅޭ ސަރަހައްދުތަކާ އެތައް ހާސް މޭލެއް ދުރުގައިވާ ނޯވޭގެ އަވަށެއް ކަމަށްވާ ސްވެލްބާޑްއަކީ ދުނިޔޭގެ އެންމެ އެކަހެރި އެއް އަވަށުގެ ގޮތުގައި ބުނެވިދާނެ އެވެ.

ގާތްގަނޑަކަށް 2500 މީހުން އާބާދުވެ އުޅޭ އެ އަވަށުގައި ދިރިއުޅެމުންދާ އެކަކަކީ ސްވިޑަންގެ ފޮޓޯގްރަފަރެއް ކަމަށްވާ ސިސީލިއާ ބްލެމްޑަހީ އެވެ.

2015 ވަނަ އަހަރުން ފެށިގެން ސިސީލިއާ ސްވެލްބާޑްގައި ދިރިއުޅެމުން އަންނައިރު އެތަނުގައި ދިރިއުޅުމުގެ ތަޖުރިބާ އޭނާ ސިފަ ކުރަނީ "ކޮންމެ ދުވަހަކީ ވެސް އާ ކަންތައްތަކެއް ފެންނަ ތަފާތު ދުވަހެއް"ގެ ގޮތުގަ އެވެ.

ސްވެލްބާޑްގައި ދިރިއުޅުމުގެ ތަޖުރިބާ ސިސީލިއާ އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފޮލޯވަރުންނާ ހިއްސާ ކުރަމުންނެވެ. އެގޮތުން "ލައިފް އިން ސްވެލްބާޑް"ގެ ނަމުގައި އިންޓަނެޓަށް އޭނާ ދޫކޮށްލާ ވީޑިއޯތަކަށް އެތައް ހާސް ވިއުސްއެއް ލިބެ އެވެ.

ދުނިޔޭގެ އެންމެ އިރު އިތުރުން މީހުން އާބާދުވެ އުޅޭ އަވަށުގެ ގޮތުގައި ފާހަގަވާ ސްވެލްވަބާޑްއަކީ އާކްޓިކް ސާކަލްގެ ތެރޭގައި ހިމެނޭ އަވަށެކެވެ.

މި އަވަށަކީ އެ އަވަށުގެ ރީތިކަމާއި ގުދުރަތީ ވަސީލަތްތަކަށްޓަކައި މަޝްހޫރުވެފައިވާ ރަށެކެވެ. އެގޮތުން ކާބޯތަކެއްޗާއި އެނޫންވެސް ދިރިއުޅުމަށް ބޭނުންވާ ތަކެތި އެ ސަރަހައްދުން ލިބެ އެވެ.

އެހެން ނަމަވެސް އެތަނުގައި ދިރިއުޅުމަށް ގޮންޖެހުންތަކެއް ވެސް ވާކަމަށް އޭނާ ފާހަގަކުރި އެވެ. އެގޮތުން ފިނިހޫނުމިން މާ ދަށްވުމާއި އާކްޓިކް ސާކަލްގައި ދިރިއުޅޭ ޖަނަވާރެއް ކަމަށްވާ ޕޯލާ ބެއާގެ ނުރައްކާ ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް އެހުރިހާ ކަމަކާއެކު ވެސް ސްވެލްބާޑްގައި ދިރިއުޅުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް ސިސީލިއާ ބުނެފައިވެ އެވެ.