ސްޕެއިންގެ ވެލެންސިއާގައި ފެންބޮޑުވި ހާދިސާ ސަރުކާރުން މެނޭޖްކުރި ގޮތް ގޯސްވެ އެކަމާ ދެކޮޅަށް އެއް ލައްކައަށް ވުރެ ގިނަ މީހުން މުޒާހަރާކޮށްފި އެވެ. މުޒާހަރާގެ ގިނަ ބައިވެރިން ދިއައީ ވެލެންސިއާގެ ރީޖަނަލް ހެޑް ކާލޮސް މާޒޮންގެ އިސްތިއުފާއަށް ގޮވަމުންނެވެ.

ވެލެންސިއާއަށް އޮކްޓޯބަރު މަހު ކުރި ވިއްސާރައިގައި ވަރަށް ބޮޑަށް ފެންބޮޑުވެ 200 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފަ އެވެ. އަދި 80 މީހުން އަދިވެސް ނުފެންނަ ކަމަށް ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

މުޒާހަރާގެ ބައިވެރިން ދެކޭ ގޮތުގައި މިހާ ބޮޑު ގެއްލުމެއް ވެފައިވަނީ ކަމާ ބެހޭ ފަރާތަކުން ނުރައްކަލުގެ ސިގްނަލްތައް އާންމުންނަށް ދިނުން މާ ބޮޑަށް ލަސްކުރުމުން ކަމަށެވެ. މި މުޒާހަރާގައި ބައިވެރިންނާއި ސްޕެއިންގެ ފުލުހުންނާ ވަނީ ކުރިމަތިލުން ތަކެއް ހިނގާ، ވެލެންސިއާގެ ސިޓީ ހޯލަށް އެކި ވަރުގެ ގެއްލުން ލިބިފަ އެވެ.

މިދިޔަ ހަފްތާގައި ސްޕެއިންގެ ރަސްގެފާނާއި ރާނީ ވެލެންސިއާގެ އަވަށަކަށް ޒިޔާރަތް ކުރުމުން އެ އަވަށުގެ ރައްޔިތުން ވަނީ ޝާހީ ދެމަފިރިންގެ ގަޔަށް ކިސަޑު އުކާފަ އެވެ.

ފެންބޮޑުވުމުގެ ހާދިސާގައި އެތައް ހާސް ބައެއްގެ ގެތައް ވަނީ ހަލާކުވެފަ އެވެ. އަދި މަގުތައް ވެސް ވަނީ ކުންޏާއި ކިސަޑުން ފުރިފަ އެވެ.