އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ފަސް މަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީގައި ފަށަން ތައްޔާރުވެއްޖެ އެވެ.
މި ބިލު ކޮމިޓީ މަރުހަލާގައި ހުއްޓިފައި އޮންނަތާ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށް މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. ބިލު ހުށަހެޅުއްވީ މިދިޔަ މެއި 29 ވަނަ ދުވަހު އެވެ. އެ ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ގިނަ ދުވަސްތަކެއް ވަމުންދާތީ އިދިކޮޅުން އެކި ފަހަރުމަތިން ހުށަހެޅި ކުއްލި މައްސަލަތައްވެސް ޕީއެންސީގެ ސްޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.
އެމްޑީޕީން އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އިޒްރޭލް މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން މަޖިލީހަށް ހުށަހަޅަން ކެބިނެޓްގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އެގޮތަށް ކެބިނެޓުން ނިންމިއިރު ރައީސްގެ ރިޔާސީ ގަރާރަކުން އެކަން ކުރެވޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުނެނެވެ. އެހެންކަމުން މިހާރުވެސް ސަރުކާރުން މިކަން ކުރުމުގައި އިހުލާސްތެރިކަމެއް ނެތްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.
މިކަންވެސް ސަރުކާރުން ބޭނުންކުރަމުންދަނީ ސަރުކާރުން ކުރާ ކަންކަމަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުން އެކަން އޮއްބާލުމަށްކަމަށް ފާހަގަކުރެވެ އެވެ. އެގޮތުން ރާއްޖޭގައި ބޮޑީ ބިލްޑިން މުބާރާތް ބޭއްވުމުން ގިނަ ބަޔަކު ދަނީ މި ދުވަސްވަރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.