އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ވިސްނުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލުން ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
ސަރުކާރު އަޑީގައި އޮވެގެން ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން އަމިއްލަ ގޮތުން ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ނަމުގައި ކޮމިޝަނެއް އުފައްދުމުގެ ބިލާއި ގުޅިގެން ނޫސްވެރިންނާއި މީޑިއާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާއި ގުޅިގެން އެމްޖޭއޭ އާއި އެމްއެމްސީން ވަނީ "ހަތަރެއްގެ ހައްގުގައި" ނަމުގައި ކެމްޕެއިނެއް ފަށައިފަ އެވެ.
ބިލާއި މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެ ކެމްޕޭނުގެ ފަރާތުން މިއަދު ނޫސްވެރިންވަނީ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކޮށްފަ އެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތީ އޭޖީ އުޝާމާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލް އެވެ.
ބައްދަލުވުމަށްފަހު އެމްޖޭއޭ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޖޭއޭގެ އެސްޖީ އަހުމަދު ނާއިފް ވިދާޅުވީ ބަންޑާރަ ނައިބުގެ ވިސްނުން ހުރީ މީޑިއާ ތަކުން ބޭނުންވާނަމަ އެމްއެމްސީ އާއި ބްރޯޑްކޮމް އުވާލަންކަމަށެވެ. އެ ގޮތުން މީޑިއާތަކާއި ގުޅޭ އިދާރާތައް އުވާލުމަށްފަހު މީޑިއާތައް ރެގިއުލޭޓް ކުރުމުގައި މިހާރު ގެންގުޅޭ މެކޭނިޒަމް އެއްކޮށް އުވާލުމަށް އުޝާމް ވިސްނަވާކަމަށް ނާއިފް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މީޑިއާގެ މިނިވަން ކަމަށާއި ނޫސްވެރިންނަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލުގައި ވަނީ މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި މީޑިއާ ކޮމިޝަނެއް އުފައްދައި އެ ކޮމިޝަން ސަރުކާރަށް ކޮންޓްރޯލްކުރެވޭގޮތަށް އެކުލަވާލުމަށެވެ. އެގޮތުން އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ ބިލުގައިވެ އެވެ.
އޭގެ އިތުރުން މީޑިއާތަކުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.