ދުނިޔޭގައި ދޭތެރެ ދޭތެރެއިން އާޓްސްގެ ވަރަށް ތަފާތު އުފެއްދުންތައް އާއްމުންގެ ލޮލުގައި އަޅައިގަނެ އެވެ. އެގޮތުން 2019 ވަނަ އަހަރު "ކޮމީޑިއަން"ގެ ނަމުގައި އާއްމުކުރި އުފެއްދުމަކީ އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބުނު އުފެއްދުމެކެވެ.
ހުދު ކުލައިގެ ފާރެއްގައި އަޅި ކުލައިގެ ޑަކް ޓޭޕެއް ބޭނުން ކޮށްގެން ތަތްކޮށްފައިވާ ދޮންކެޔޮ ވަކެއް އާޓްސްގެ އުފެއްދުމެއްގެ ގޮތުގައި ހުށައެޅުމުން ގިނަ ބަޔަކު އެއަށް ފާޑުވެސް ކިޔެވެ.
އިޓަލީގެ އާޓިސްޓެއް ކަމަށްވާ މައުރިޒިއޯ ކަޓެލަންގެ އެ މަސައްކަތް އެންމެ ފުރަަތަމަ 2019 ވަނަ އަހަރު ބޭއްވި އާޓްސް މައުރަޒެއްގައި ދައްކާލިއިރު މީހަކު ވަނީ އެ ދޮންކެޔޮވައް ކާވެސް ލާފަ އެވެ.
އޭގެ ހައެއްކަ އަހަރު ފަހުން އަނެއްކާވެސް އެ އުފެއްދުމުގެ ވާހަކަ މިވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފަ އެވެ. ދާދި ފަހުން ބޭއްވި ނީލަމެއްގައި އެ އުފެއްދުން ވަނީ ރެކޯޑް އަގަކަށް ވިކިފަ އެވެ.
ކްރިޕްޓޯ ކަރަންސީ ކުުންފުންޏެއް ކަމަށްވާ "ޓްރޮން"ގެ ފައުންޑަރު ޖަސްޓިން ސަން އެ އުފެއްދުމުގެ ކޮޕީ ރައިޓްސް ގަނެފައިވަނީ 6.2 މިލިއަން އެމެރިކާ ޑޮލަރަށެވެ.
ސަން ބުނީ އެ އުފެއްއުދުމަކީ ޑިޖިޓަލް ފައިސާގެ ސަގާފަތާއި ކުރިމަގު އަދި އެ ބޭނުންކުރާ މުޖުތަމައު ރަމްޒު ކޮށްދޭ "މާސްޓާ ޕީސް"އެއް ކަމަށެވެ.
ރެކޯޑު އަގަކަށް އެ އުފެއްދުމުގެ ކޮޕީ ރައިޓްސް ގަތުމަށްފަހު އޭނާ އަމިއްލައަށް އެ ދޮންކެޔޮ ވައް ކާލާނެ ކަމަށް ވެސް ސަން ބުނެފައިވެ އެވެ.
މޮޔަކަމުގެ ވެސް ހައްދެއް ނެތް؟؟