އެޖެންޑާކުރާނެ މަސައްކަތެއް ނެތުމުން ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާ ކެންސަލްކޮށްފި އެވެ.
އާދައިގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވާ ދުވަސްތަކަކީ ހަފްތާއިން ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ.
މި ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް ފަށާ ގަޑިއަކީ ހަނދުނު 9:00 ގައި ކަމަށް ވާއިރު، މިއަދުގެ ޖަލްސާ އެގަޑިއަށް ނުފަށައި ވަނީ ކެންސަލް ކޮށްފަ އެވެ.
މިއަދު ހެނދުނު ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިނުވާއިރު، މިކަމާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަޖިލީހުގެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ ޑިސެމްބަރު 9، ވާ ހޯމަ ދުވަހު ކަމަށެވެ.
މިއަދުގެ ޖަލްސާ ކުރިއަށް ނުގެންގޮސް ކެންސަލް ކުރީ ކޮން ސަބަބަކާއި ހުރެ ކަމެއް މަޖިލީހުގެ އިދާރާއިން ސާފުކޮށްދީފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވަނީ މިއަދު ކުރާނެ މަސައްކަތެއް ނެތުމުންނެވެ. ނަމަވެސް މިއަދުވެސް މަޖިލިސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
އިއްޔެގެ ޖަލްސާ ނިންމަވައިލައްވަމުން އޭރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް މިއަދު ޖަލްސާއެއް އޮންނާނެކަން ވަނީ އިއުލާނުކުރައްވާފަ އެވެ.
"މިއަދުގެ ޖަލްސާ ނިމުނީ. ދެން މަޖިލީހުގެ ޖަސްލާއެއް އޮންނާނީ މާދަމާ، 4 ޑިސެމްބަރު ވާ ބުދަ ދުވަހު ހެނދުނު 9:00 ގަ". އިއްޔެ ޖަލްސާ ނިންމާލައްވަމުން ނާޒިމް ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކުރިއިރު މަޖިލީހުގެ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއީދާ އެކު މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ވަނީ ދިގުދަންމާލާފަ އެވެ.
އެގޮތުން މަޖިލީހުން ވަނީ ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދިގު ދަންމާލާފަ އެވެ.