ފައިސާ ޗާޕްނުކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހިލާފުވެފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ދެއްކެވި އެންމެ މުހިއްމު އެއް ވާހަކައަކީ އެމްއެމްއޭ އިން ފައިސާ ޗާޕް ނުކުރާނެ ވާހަކަ ކަމަށެވެ.

އެކަމަކު ވެރިކަމަށް ވަޑައިގެން އަހަރެއް ނުވަނީސް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު ބަދަލުކޮށް، ފައިސާ ޗާޕްކުރެވޭ ލިމިޓް މަތިކޮށްފައި ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ކުރިން ގާނޫނުގައި ވަނީ ޗާޕްކުރެވޭނީ ގިނަވެގެން ފާއިތުވި ތިން އަހަރުގެ އެވްރެޖް އާމްދަނީ ގެ އެއް ޕަސެންޓަށްވާ ފައިސާ ކަމަށެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހާއެކު އެ ލިމިޓް ތިން އަހަރުގެ އާމްދަނީހެ 2.5 ޕަސެންޓަށް މަތިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބަދަލުން އެމްއެމްއޭ އިން ދަރަންޏަށް ފައިސާ ނެގޭ މިންވަރު މަހަކު ގާތްގަނޑަކަށް 800 މިލިއަން ރުފިޔާ އަށް އިތުރުވެގެން ދިޔައީ. އެމްޑީޕީ ގެ ސަރުކާރުން އަޅުގަނޑުމެން އޯޑީ ލިމިޓް ވަކި ކަނޑައެޅިފައިވާ މުއްދަތަކަށް އިތުރުކުރީ ގާނޫނުގައި ކުރިންވެސް ބުނެވިފައިވާ އިސްތިސްނާ ހާލަތެއް އައިސްގެން،" އަމީރު ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުން ގާނޫނުގައިވާ އިސްތިސްނާ ހާލަތެއް މެދުވެރިވެގެން ފައިސާ ޗާޕްކުރާ މިންވަރު މަތިކުރީ އެ ނޫންގޮތެއް ނެތިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ވަބާގެ ސަބަބުން ރައްޔިތުން ބަނޑަށް ނުޖެހި ފުދުންތެރިކަމާއެކު ދިރިއުޅެވޭނެ މަގު ފަހިކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.