ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލު ކުރަން ނިންމައިފި އެވެ.
އެ ހާދިސާގައި ހައުސިން މިނިސްޓްރީއާއި އިންފްރާންސްޓަކްޗަރު މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ ހިންގާ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ މިނިސްޓްރީތަކުގެ ހިދުމަތް ވަގުތީ ގޮތުން ވަނީ މެދުކެނޑިފަ އެވެ.
އެހެންވެ، ގެއްލުން ލިބުނު މިނިސްޓްރީތަކުގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ރޭ އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާނުގެ ހާދިސާގައި އެ ކައުންސިލުގެ ބައެއް ހިންގަމުން އައި އިމާރާތަށް ލިބުނު ގެއްލުމާ ގުޅިގެން މާލެ ރައްޔިތުންނަށް ދެމުން އައި އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެހެން ކަންކަން އިންތިޒާމު ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާގައި އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ގެތަކުން ނުކުންނަން ޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް ސެންޓަރުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފަ އެވެ.
ބުރާސްފަތި ދުވަހު ހިނގި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި ވަނީ ސާފުނުވެފަ އެވެ.