ތިން މިނިސްޓްރީއެއް ހިންގަމުން އައި މ. ގްރީން ބިލްޑިންގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލުގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓަށާއި ތަނުގައި ހުރި ތަކެއްޗަށް ލިބުނު ގެއްލުންތައް ފޫބައްދަން 4.5 މިލިއަން ރުފިޔާގެ އެމަޖެންސީ ބަޖެޓެއް އެ ކައުންސިިލުން ފާސްކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި އެ އަލިފާނުގެ ހާދިސާ އާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގަމުން އައި އޮފީސް އިމާރާތް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ.

މިނިސްޓްރީތައް ހުރި އެ ކޮށީގައި ހިންގަމުން އައި މާލޭ ސިޓީ ކައުންސިލުގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓަށް ވެސް ވަނީ މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ މުހިންމު ޑިޕާޓްމަންޓްތަކެއް ހިންގަމުން އައި އިމާރާތާ ގްރީން ބިލްޑިން ގުޅާލާފައި ވަނީ 20 ވަރަކަށް ފޫޓުގެ ދިގުމިން ހުންނަ ވޯކްވޭއަކުންކަމަށް ވާއިރު، އެއީ ޓިނާއި ޑެކު ބޭނުންކޮށްގެން ގާއިމުކޮށްފައިވާ ވޯކްވޭއެކެވެ. ގްރީން ބިލްޑިންގައި ރޯވި އަލިފާން ސިޓީ ކައުންސިލުގެ އިމާރާތަށް ފޯރީ އެ ވޯކްވޭގެ ތެރެއިން އައިހެވެ.

އެ ތަނުގެ ވަށައިގެން ސީލިންގާ ހަމައަށް ޖަހާފައި ހުންނަނީ އެކި ލިޔެކިޔުންތައް ހުންނަ ހަރު ތަކެކެވެ. އޭގެ ތެރޭގައި އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ ތަކެތީގެ އަސްލު ހިމެނެ އެވެ. އަލިފާނުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ އެތަކެތި ހުރި ކޮޓަރިއަށެވެ. އެތަކެތި ރައްކާކޮށްފައިހުރި ބައެއް ހަރުތައް ވަނީ އަނދާފަ އެވެ.

މި ހާދިސާ އާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ކުއްލި އާންމު ޖަލްސާއެއް ހުކުރު ދުވަހު ހަވީރު ބާއްވާފަ އެވެ. އެ ޖަލްސާގައި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވި 4.5 މިލިއަން ރުފިޔާގެ އެމަޖެންސީ ބަޖެޓު ވަނީ ފާސްކޮށްފަ އެވެ.

ޖަލްސާގައި އާޒިމް ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތަކެކޭ އެއްގޮތަށް ސިޓީ ކައުންސިލުގެ ވައިޓަލް ރަޖިސްޓްރޭޝަންގެ އޮފީހުގެ މަސައްކަތްތައް ކުރުމަށް ވަގުތީ ގޮތުން ތަނެއް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.

ވަގުތީ ތަނެއް ހަމަޖައްސައިދެއްވުމަށް އެދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯއަށް ދަންނަވާފައި ވިނަމަވެސް އަދި އެކަމުގައި ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އެމަޖެންސީ ބަޖެޓު ބޭނުންކުރާނީ ފަރުނީޗަރާއި އެފަދަ އެހެނިހެން ތަކެތި ގަތުމަށާއި އަދި އޮފީސް ސެޓަޕް ހެދުމަށް ކަމަށެވެ. އޭގެ އިތުރުން ވައިޓަލް ރެޖިސްޓްރޭޝަން އޮފީސް ހިންގަން ތަނެއް ކުއްޔަށް ނަގަން ޖެހިއްޖެ ނަމަ އެެކަމަށް ވެސް ބަޖެޓުގެ ތެރެއިން ހަރަދު ކުރާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.