މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ) އަށް 164 މިލިއަން ގެއްލުންވެއްޖެ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އެމްއައިޓީޑީސީއަށް 164 މިލިއަން ގެއްލުން ވެފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނާއިރު، ސަރުކާރުން ފައިސާދީގެން ނޫން ގޮތަކަށް އެ ކުންފުނިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކިދާނެ ކަމަށް ނުބެލެވޭ ކަމަށާއި، އެ ކުންފުންޏަކީ ދެމެހެއްޓެނިވި ގޮތުގައި ހިންގޭނެ ކުންފުންޏެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއިކުރައްވާ ނެރުއްވި އެމްޓީޑީސީގެ އޮޑިޓް ރިޕޯޓުގައި ބުނީ، 2016 ވަނަ އަހަރު އުފެއްދި އެ ކުންފުންޏަށް 2023 އަހަރުގެ ނިޔަލަށް 164،241،768ރ ގެއްލުންވެފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ކުންފުނި ހިންގުމަށާއި ކުންފުނިން ހިންގަން މައިގަނޑު ގޮތެއްގައި ހަރަދުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ދޫކުރި ފައިސާ އާއި ބަރެސްދޫ ޕްރޮޖެކްޓުން ލިބިފައިވާ ފައިސާއިން ކަމަށެވެ.
"އެމްއައިޓީޑީސީ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގިދާނެ ކުންފުންޏެއް ކަމަށްވެސް ނުބެލެވެއެވޭ. އެ ކުންފުންޏަކީ ދެމެހެއްޓެނިވި ގޮތެއްގަ ހިންގޭނޭ ކުންފުންޏެއްވެސް ނޫން،" އޮޑިޓް ރިޕޯޓުގައި ވެއެވެ.
ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ފިނޭންސުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 48,959,028ރ އެމްއައިޓީޑީސީ އަށް ދޫކޮށްފައިވާކަން އޮޑިޓުން ހާމަވާއިރު، ކާށިދޫ ޓުއަރިސްޓް ވިލެޖް ގާއިމްކުރުމުގެ މަސައްކަތަށް ހަރަދުކުރުމަށް 2018 ވަނަ އަހަރު އެއް މިލިއަން ޑޮލަރު (8 ޕަސެންޓް އިންޓްރެސްޓް ރޭޓުން އެއް އަހަރު ފަހުން އަނބުރާދައްކާ ގޮތަށް) ލޯނުގެ ގޮތުގައި ފިނޭންސުން އެ ކުންފުންޏަށް ދޫކުރި އެވެ. ލޯނުގެ ތެރެއިން އެއްވެސް ފައިސާއެއް އަނބުރާ ދައްކާފައެއް ނުވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ މިދިޔަ އަހަރުގެ ނިޔަލަށް ކުންފުނީގެ ކަރަންޓް އެސެޓްސްގެ އަގަކީ، 3،121،233ރ ކަމަށެވެ. ކުންފުނީގެ ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި 137،870،527ރ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރި އެއްވެސް ޕްރޮޖެކްޓެއް ނިމުމަކަށް އިސްފައިނުވާތީ އާއި، އެ ކުންފުނިން ފަށާފައިވާ އެއްވެސް ޕްރޮޖެކްޓަކުން އަވަސް މުސްތަގްބަލެއްގައި ކުންފުންޏަށް އާމްދަނީއެއް ލިބޭނެ ކަމަށް ނުފެންނަ ކަމަށްވެސް ރިޕޯޓުގައި ބުންޏެވެ.
އެމްޑީސީ ގެއްލުމުގައި ހިންގަމުންދާކަން އޮޑިޓުން ފާހަގަކޮށްފައިވާއިރު އެ ކުންފުނި އުވާލަން ވެސް ފިނޭންސް މިނިސްޓްރީން ވަނީ ލަފާދީފަ އެވެ.