ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީގެ ދަރިންގެ ތެރެއިން ދަރިއަކަށްފަހު ދަރިއެއް އޭނާ ދޫކޮށް ދުރަށް ދާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެންމެ ފަހުން އެންޖެލީނާ ދޫކޮށް ދުރަށް ދާން ނިންމާފައިވަނީ އޭނާ އެންމެ ލޯބިވާ އެއް ދަރި ކަމަށްވާ ޝިލޮހް ނޮވެލް ޖޯލީ އެވެ. ޝިލޮހް އޭނާގެ މަންމަ ދޫކޮށް ދުރަށް ދަނީ ނެށުމުގެ ދާއިރާއިން ކުރިއަށް ދާން ކަމަށާއި ގެ ދޫކޮށް ދިއުމަށްފަހު އޭނާ ދިރިއުޅޭނީ ރަހުމަތްތެރިންތަކަކާއެކު ކަމަށް ހަބަރުތައް ބުނެ އެވެ.
ފުރާވަރަށް އަޅާ ކުދިން މައިންބަފައިން ދޫކޮށް ދިއުމަކީ ހުޅަނގުގައި އާއްމު ކަމެއް ނަމަވެސް މިވަގުތު އެންޖެލީނާއާއި އޭނާގެ ފިރިމީހާ ބްރެޑް ޕިޓްއާ ދެމެދު ކުރިއަށްދާ ގާނޫނީ މައްސަލައާއެކު ޝިލޮހް ގެ ދޫކޮށް ދާން ނިންމުމުން އެންޖެލީނާއަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށްވެ އެވެ.
އެ އާއިލާއާ ގާތް ފަރާތަކުން ބުނީ ޝިލޮހްގެ ނިންމުމުގެ ސަބަބުން އެންޖެލީނާ ކިތަންމެ ދެރަވިޔަސް އޭނާގެ ދަރިފުޅުގެ މުސްތަގުބަލަށް އެންޖެލީނާ ހުރަސް ނާޅާނެ ކަމަށެވެ.
އެންޖެލީނާއާއި ބްރެޑްގެ ކައިވެންޏަށް ހަ ދަރިން ލިބިފައިވާއިރު މީގެ ކުރިން ވެސް އޭގެ ތެރެއިން ބައެއް ކުދިން ވަނީ ގެ ދޫކޮށް ގޮސްފަ އެވެ.