ޅ. ކުރެންދޫގައި ފެނަކަ ބްރާންޗުން ސްޓެލްކޯއަށް ބަދަލުކުރި މުވައްޒަފަކު 24 ގަޑިއިރުތެރޭގައި ކަނޑާލައިފި އެވެ.

އެ ރަށަކީ ފެނަކައިގެ ހިދުމަތް ދެމުންދިޔަ ރަށްތަކުގެ ތެރެއިން ސްޓެލްކޯގެ ދަށަށް ހިދުމަތްތައް ބަދަލުކޮށްފައިވާ ރަށްރަށުގެ ތެރެއިން ރަށެކެވެ.

އެ ބްރާންޗުގައި ފަސް އަހަރު ވަންދެން މެނޭޖަރަކަށް އުޅުނު އަލީ ހަސަން ސްޓެލްކޯގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރިތާ މާ ގިނައިރުތަކެއް ނުވަނީސް، ފެނަކައިން ވަނީ އޭނާއަކީ ސްޓެލްކޯގެ ސްކްރީނިންއިން ހޮވުނު މުވައްޒަފުންގެ ތެރޭގައި ނުހިމެނޭ މީހެއް ކަމަށް ބުނެ ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

ޅ. އަތޮޅުގެ އޮޕަރޭޝަންތައް މިދިޔަ އެޕްރީލް މަހު ސްޓެލްކޯގެ ދަށަށް ބަދަލުކުރުމާ ގުޅިގެން ކުރިއަށްގެންދިޔަ މި މަރުހަލާގެ ތެރެއިން ކުރެންދޫ ބްރާންޗުގެ އިތުރު ފަސް މުވައްޒަފަކު ވެސް ވަނީ އެއް މަސްދުވަހުގެ ނޯޓިސްއަށްވާ ފައިސާއާއެކު ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި މުވައްޒަފުން ކަނޑަމުންދާއިރު ސިޔާސީ ފިކުރަށް ބަލާ ކަމަށާއި، ވެރިކަން ކުރާ ޕީއެންސީގެ މުވައްޒަފުން ވަކިކުރުމަށްފަހު އަލުން ވަޒީފާ ދޭ ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ތިލަވެފަ އެވެ.

ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ފެނަކައިން ދެމުންދިޔަ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް 25 ރަށެއްގެ އޮޕަރޭޝަނާ ހަވާލުވުމާ ގުޅިގެން، އެ ހުރިހާ ރަށަކުން ވެސް މުވައްޒަފުން ވަކިކުރާނެ ކަމަށް ބެލެވެ އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ 33 ޕަސެންޓް ތިން މަސް ތެރޭގައި މަދުކުރުމަށް ޕީސީބީން އަންގާފައި ވާއިރު، މި ނިންމުމުގެ ސަބަބުން ކުންފުނިތަކުން 14،000 އަށްވުރެ ގިނަ މުވައްޒަފުން ކަނޑާލަންޖެހި 50،000 އެއްހާ މީހުންގެ އާއިލާތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ފާހަގަކޮށް އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.