މަސައްކަތް ކުރެވޭވަރަށް ވުރެ، ހާލަތު ދަށްކޮށް ހުރި 55 ކައުންސިލް އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ހާލަތު ދަށްކޮށް ހުރި 55 ކައުންސިލް އިމާރާތް އެޅުމުގެ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ހުއްދަ ދީފައި ކަމަށެވެ. އަދި މިހާރު މި މަޝްރޫއު އާއި ގުޅޭ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެއްބަސްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މި މަޝްރޫއަކީ ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއަކަށް ވާއިރު، މި މަޝްރޫއުގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި އިތުރު 50 ކައުންސިލް އިމާރާތް އެޅުމަށްވެސް ނިންމައިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ ކައުންސިލް އިމާރާތްތައް މިހާރު ހުރީ ބޭނުން ނުކުރެވޭވަރަށް ދަށް ހާލަތުގައި ކަމަށެވެ. އަދި ބައެއް އިމާރާތްތައް ހުރީ ބޮލަށް ވެއްޓޭ ހާލަތުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މުޅި ޖުމުލަ ރާއްޖޭގައި 187 އާ ކައުންސިލް އިމާރާތް އަޅަން ޖެހިފައިވާ ކަމަށެވެ.