މި ދުވަސްވަރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި ވިލާގަނޑުގައި ކަނޑު ވަރަށް ގަދަވާނެ ކަމަށާއި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮފީހުން ލަފާކޮށްފި އެވެ.
މޫސުމް ގޯސްވެ، 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، މެޓު އޮފީހުން ވަނީ ރާއްޖޭގެ އެންމެ ދެކުނުން، ފުވައްމުލައް އަދި އައްޑުއަށް މިރޭ 7:00 އިން 11:00 އަށް ޔެލޯ އެލާޓު ވެސް ނެރެފަ އެވެ. އެއީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.
މެޓުން ބުނީ، އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު، ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ. ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެ އެވެ.
ކަނޑު ގަދަކޮށް އޮތްއިރު، ވިލާގަނޑުގައި އަދި ވަކިން ގަދަވާނެ ކަމަށް ބުނެފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާކޮށްފައި ވަނީ 5 ފޫޓާ 8 ފޫޓާ ދެމެދުގަ އެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އެދެ އެވެ.
މި ހަފްތާ ބަންދުގައި ވަރަށް ކަނޑުގަދަވާނެ ކަމަށް މެޓުން އޮތީ ކުރިން ވެސް ބުނެފަ އެވެ.