މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ 244،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ގާތްގަނޑަކަށް 14.1 އިންސައްތަ އެވެ. މިއީ 2019 ވަނަ އަހަރުގެ ނިސްބަތުން 86 އިންސައްތަ އެވެ. އެއާއެކު ކޮވިޑް ބަލިމަޑުކަމަށްފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މަތީ މާކެޓުގެ މަގާމު ޗައިނާ އިން ވަނީ އަލުން ހޯދާފަ އެވެ.
ފްލައިޓް މާސްޓާއާ ހަވާލާދީ ބުނެފައި ވަނީ މި އަހަރު ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރި ދަތުރުތައް ޕެންޑެމިކްގެ ކުރިން އޮތް މިންވަރަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި ރިކަވަރީ ރޭޓް އުޅެނީ 144 ޕަސެންޓްގައި ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ އެއާލައިނުން ދާދި ފަހުން ވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބެއިޖިން، ޝަންހާއީ، ޗެންގްޑޫ އަދި ޝިއާން އިން އާ ސީދާ ދަތުރުތައް ފަށާނެ ކަން އިއުލާންކޮށްފަ އެވެ.
އުއްމީދީ ވިސްނުމެއް އޮތް ނަމަވެސް، މި އިންޑަސްޓްރީގެ މެދުގައި މިހާރު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޗައިނާގެ ކެޕިޓަލް އެއާލައިންސް އާއި ސިޗުއާން އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ކެންސަލްކުރި އަދަދު ވަނީ 88 ޕަސެންޓާއި 75 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރުވެފަ އެވެ.
މީގެ އިތުރުން ބައެއް ޓްރެވަލް އެޖެންސީތަކުގެ ނޮވެމްބަރު-ޑިސެމްބަރު ބުކިންތައް ދެބައިކުޅަ އެއްބައި ދަށަށް ގޮސްފައިވާ ކަން ފާހަގަކޮށްލެވެ އެވެ.
ޗާޓަރ ފްލައިޓް އޮޕަރޭޓަރަކު ވަނީ ދަތުރުފަތުރުގެ ވައްޓަފާޅިއަށް ބަދަލު އައިސްފައިވާކަން ފާހަގަކޮށްފަ އެވެ. މިގޮތުން ޗައިނާގެ ފަތުރުވެރިންގެ ތެރެއިން ކުރިން މީހުން ދިރިއުޅޭ ރަށްރަށުގައި (ގެސްޓް ހައުސްތަކުގައި) މަޑުކުރަން ޚިޔާރުކުރީ އެންމެ 1 ޕަސެންޓާއި 2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. އަދި ގިނަ ޓޫރިސްޓުން ދަނީ ވައިގެ ދަތުރުފަތުރުގެ ހަރަދު ކުޑަ ކުރުމަށް ރާއްޖެއަށް ކަނެކްޓިން ފްލައިޓްތައް ވެސް ހިޔާރު ކުރަމުންނެވެ.
އޮކްޓޫބަރު މަހަށް ފަހު ރާއްޖޭގެ ޓްރެވަލް އެޖެންސީގެ ބުކިންތައް 50 ވަރަކަށް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް އިންޑަސްޓްރީގެ ޕްރޮފެޝަނަލަކު ބުންޏެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ފާހަގަކުރަނީ ކޮވިޑް ޕެންޑަމިކަށް ފަހު އައި ޑިމާންޑާއާއެކު ވާދަވެރިކަން ބޮޑު ޗައިނާގެ ޑޮމެސްޓިކް ޓޫރިޒަމް މާކެޓް ފުޅާވަމުންދިއުމެވެ.
ޕެންޑަމިކަށް ފަހު އައުޓްބައުންޑް ޓޫރިޒަމް ކުރިއަރާނެ ކަމުގެ އުއްމީދުގެ ސަބަބުން އާ ޓްރެވަލް އެޖެންސީތައް ވަނީ އިތުރުވެފަ އެވެ. ނަމަވެސް މާކެޓް ކުރިއެރުން މަދުވުމާއެކު ވާދަވެރިކަން އިތުރުވެ، ވަކިވަކި އެޖެންސީތަކަށް ބުކިން މަދުވި އެވެ.
ޗައިނާގައި ވަރުގަދަވަމުން އަންނަ ޑޫއިން އާއި ޒިއާއޮހޮންގްޝޫ ފަދަ ސޯޝަލް ޕްލެޓްފޯމްތައް އުފެދުމުގެ ސަބަބުން މާކެޓަށް އިތުރު ހީނަރުކަމެއް އައިސްފައިވާއިރު، ރާއްޖޭގެ ދަތުރުފަތުރުގެ ހިދުމަތް ދޭ އިންފްލުއެންސަރުންނާއި އަމިއްލަ މީސް މީހުންނާހެދި ވާދަވެރިކަން ވަނީ ވަރުގަދަވެފަ އެވެ.