ހިޔާނާތުގެ މައްސަލައެއްގެ ތަހުގީގަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ދިރިއުޅޭގެ ރޭ ފުލުހުން ބަލައި ފާސްކޮށްފި އެވެ.
މޫކޭ ދިރިއުޅޭގެ ބަލާ ފާސްކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިރޭ ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އާރުޑީސީ އާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު ދިރިއުޅޭތަން އަދި ސީއެފްއޯ ޔާސިރު ހަސަން އަށް ނިސްބަތްވާ ދެ ތަނެއް، ބަލާފާސްކޮށް އިލެކްޓްރޯނިކް އައިޓަމްސް ސީޒްކުރެވިފައިވާނެ ކަމަށެވެ.
ކުރީ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްހަލަތު އޮންނަ ކުންފުނިތަކަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ ފައިސާތަކެއް ވަދެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މިމައްސަލާގައި އެ ކުންފުނީގެ ވެރިއެއްގެ އެކަންޓަކަށް 14 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
މިމައްސަލާގައި ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީންކުރެވިފައިވާ ކަމަށާއި އަދި އެތިން މީހުންގެ އަމިއްލަ އެކައުންޓުން ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އަދި މީގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް 4 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނެ އެވެ.
ފުލުހުން ބުނެފައި ވަނީ މި މައްސަލާގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ މީހެއްގެ އެކައުންޓަށް އާރުޑީސީގެ އެކައުންޓުން 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ. އަދި ކޮންމެ ޓްރާންސެކްޝަނެއްގެ ތެރޭގައި އެތަކެއް މީހަކާ ގުޅުންހުރި އިތުރު ޓްރާންސެކްޝަންތައް ހިމެނޭ ކަމަށާއި އަދި އޭގެއިން ކޮންމެ އެކައުންޓެއްގެ މައުލޫމާތަކީ ވަކިވަކިން ހޯދަންޖެހޭ މައުލޫމާތު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައި ވަނީ ހިޔާނާތްތެރިވި ކަމަށް ބެލެވޭ ފައިސާ ނިމިދިޔަ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްހަލަތު އޮންނަ ކުންފުނިތަކަށް ވެސް ވަދެފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ.