ވަގު ފޯމް މައްސަލަ ބޮޑުވެފައި ވަނިކޮށް ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ވުމަށް އީފާސް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ ގޮތަށް އުސޫލު ބަދަލުކުރަން މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.
މިފަހުން ބައެއް ފަރާތްތަކަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ރެޖިސްޓްރީ ކޮށްފައިވާ މައްސަލަ ފެންމަތިވެފައިވާއިރު، ގިނަ ބަޔަކު ދަނީ އީސީން ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމް އެޕްރޫވް ކުރުމުގައި އަމަލުކޮށްފައިވާ އުސޫލާއިމެދު ސުވާލު އުފައްދަމުންނެވެ.
މިފަދަ ޝަކުވާތައް ބޮޑުވުމުން ވަގު ފޯމު ހުށަހެޅުން ހުއްޓުވުމަށް ސަރުކާރުން ބޭނުންކުރާ ރައްޔިތުންގެ ޑިޖިޓަލް އައިޑެންޓިޓީ "އީފާސް" މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ގޮތަށް އުސޫލު ބަދަލުކުރުމުގެ މަސައްކަތް މިހާރު އީސީން ވަނީ ކުރަން ފަށާފަ އެވެ.
"ހުރިހާ" އަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރަކު ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ތެރޭ އީފާސް މެދުވެރިކޮށް ޕާޓީއަށް މީހުން ވައްދާ ގޮތަށް އުސޫލުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އަދި ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއެކު މަޝްވަރާތައް ފަށާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީތަކުން ހުށަހަޅާ ވަގު ފޯމްގެ ސަބަބުން ވަގު ބަދުނާމު އީސީގެ ބޮލުގައި އެޅޭކަށް ބޭނުމެއް ނޫން. އުސޫލަށް ގެންނަ ބަދަލާއެކު ކޮންމެ މީހަކަށްވެސް ސިޔާސީ ޕާޓީއަކަށް ވަންނަން ހުށަހެޅޭނީ އީފާސް މެދުވެރިކޮށް އެކަނި" އީސީގެ މެންބަރު ވިދާޅުވި އެވެ.
އެ މެންބަރު ވިދާޅުވީ މީގެ ކުރިން އިންތިހާބުތަކުގައި ރީރަޖިސްޓްރީ ކުރުމަށް އީފާސް މެދުވެރިކޮށް ހުޅުވާލުމުން އެއްވެސް ވަރަކަށް އެކަމުގައި ޝަކުވާ ލިބިފައިނުވާކަމަށެވެ. އެހެންކަމުން އެ ތަޖުރިބާގެ އަލީގައި ވަގު ފޯމް މައްސަލައަށްވެސް ރަނގަޅު ހައްލެއް މި ބަދަލާއެކު ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.