ޑީއެންއާރުގެ ޑޭޓާބޭސް ފަޅައިލައި އެތައް ބައެއްގެ މައުލޫމާތު ވަގަށް ނަގަން ފުރުސަތު ފަހިކޮށްދިން ހޯމް މިނިސްޓަރު އަލީ އިހުސާން ވަގުތުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިރޭ ފައްޔާޒު ވިދާޅުވީ ޑިޖިޓަލް ކުރިއެރުމަށް އެސްޓޯނިއާގެ އެހީތެރިކަން ހޯދުމަށް އެ ގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ހުންނެވިއިރު މި ފެންނަނީ ރާއްޖޭގައި ޑިޖިޓަލް ކަންކަމާ ހަވާލުވެ ހުންނެވި ވަޒީރު ރޯމާދުވާލު ރައްޔިތުންގެ އައިޑެންޓިޓީއިން ވައްކަން ކުރަމުންދާ ތަން ކަމަށެވެ.
މިއީ މި ރާއްޖޭގައި ޑިޖިޓަލް އަދި ޓެކު ދާއިރާއިން މިހާތަނަށް ކުރި މަސައްކަތްތަކާއި މި ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން އެއްކޮށް ފެއިލްވާނެ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ފައްޔާޒް ވިދާޅުވީ މިދިޔަ ހަ މަސް ދުވަހު އިލެކްޝަންސް ކޮމިޝަނަށް ޕީއެންސީން ހުށަހެޅި ހުރިހާ ފޯމެއް ބާތިލުކޮށް މި މައްސަލަ މިނިވަންކަމާއެކު ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ޕީއެންސީ އަށް މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގައި ސައްހަނޫން ފޯމުތަކެއް ހުށަހެޅިފައިވާ މައްސަލާގައި ހޯމް މިނިސްޓަރު އަލީ އިހްސާނަށް ތުހުމަތު ކުރެވޭތީ އޭނާ ސަސްޕެންޑުކުރުމަށް އެމްޑީޕީން މިރޭ ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގައި ސައްހަނޫން ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަން އެ ކޮމިޝަނުގެ ބަހުންނާއި ފީއެންސީގެ އަމިއްލަ އިއުތިރާފުން އެއްވެސް ޝައްކެއް ނެތް މިންވަރަށް އޮޅުންފިލާފައިވާ ކަމަށެވެ.
އެކަން ހިނގައިދިޔައީ އެކި ފަރާތްތަކުން ހުށަހަޅާ ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލްކަން އެ ޕާޓީގައި ނެތުމުގެ ސަބަނުން ކަމަށް ޕީއެންސީން ބުނިނަމަވެސް، މިއީ ގަސްތުގައި ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް މިހާރު ހާމަވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
މިހާރު އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ޑީއެންއާރްގެ މުވައްޒަފުންނާއި ވަސީލަތްތަކާއި އެ އިދާރާގައި ހުރި ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މުޅި އިޖުރާއަތު ހިނގައިދިޔައީ މިނިސްޓަރު އިހްސާންގެ ބެއްލެވުމުގެ ދަށުން ކަމަށް ކަމަށް އެ ޕާޓީން ބުންޏެވެ.
"މިނިސްޓަރު އިހްސާނަކީ ފުލުހުންގެ އިދާރާގެ ކަންކަން ބެލެހެއްޓުން ހަވާލުވެފައިވާ ވަޒީރު ކަމަށްވާއިރު، އޭނާ އެ މަގާމުގައި ހުރެއްޖެނަމަ މި މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ކުރުމަކީ މުސްތަހީލު ކަމަކަށް ވާތީ މި މައްސަލާގައި އިންސާފުވެރި ތަހުގީގެއް ކުރުމަށްޓަކައި މިނިސްޓަރު އިހްސާން މަގާމުން އެކެހެރިކުރުމަށް ވެސް ސަރުކާރަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.