އެންމެ ކުޑައިރު ވެސް އިނގިރޭސި ކިޔަވައިދޭ ޓީޗަރަކަށްވުމަކީ އޭނާ ދެކޭ ހުވަފެނެއް. އެއީ ރަށު ސްކޫލްގައި އިނގިރޭސި މާއްދާ ކިޔަވައިދޭ ޓީޗަރަކު ނެތުމާއި ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ޓީޗަރަކަށްވުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ. އެކަން ކާމިޔާބު ކުރުމަށްޓަކައި އޭނާ ގިނަ ގޮޖެހުންތަކެއް ގިރާކުރި. ކާމިޔާބުވެސް ކުރި. އޭނާ ކިޔަވައިދޭ ކުދިންނާ އޮންނަ ގާތްކަމުން އެއީ އުލިގަމު ސްކޫލް ކުދިން އެންމެ ގަޔާވާ އެއްޓީޗަރު.

އެ ޒަމަނަކީ އަތޮޅުތަކުގެ ރަށްރަށަށް އިންޓަނެޓް ތައާރަފްވެފައިވާ ޒަމާނެއް ނޫނެވެ. އިނގިރޭސިން މީހަކު ވާހަކަދައްކާ އަޑުވެސް އިވެނީ ހަވީރު ޓީވީއިން ފޮނުވާ ކާޓޫނުންނެވެ. އޭރު ސްކޫލުގައި އިނގިރޭސި މާއްދާ ކިޔަވައިދޭ ޓީޗަރުންނަށް ތިބެނީ މުޅިން ބިދޭސީ ޓީޗަރުންނެވެ. ވުމާއެކު އިނގިރޭސި މާއްދާ ކިޔަވއިދޭ ޓީޗަރަކަށްވުމަކީ އަބަދުވެސް އޭނާގެ ހިތުގައި އޮންނަ ޝައުގުވެރިވި ކަމެކެވެ.

ހއ. އުލިގަމު ސްކޫލްގައި ޕްރައިމަރީ ގްރޭޑްތަކުގެ އިނގިރޭސި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ބެލެނިވެރިންނާއި ދަރިވަރުންގެ ލޯބިވެސް ލިބިފައިވާ ސަމްރާ ހުސެއިންގެ އެންމެބޮޑު އުންމީދަކީ އޭނާ ކިޔަވައިދޭ ކުދިންގެ އިނގިރޭސި ފެންވަރު ރަނގަޅުކޮށް ދިނުމެވެ. އޭނާ ބުނި ގޮތުގައި ތިރީ ނުވަތަ ދަށް ގްރޭޑްތަކުގައި އިނގިރޭސި ފެންވަރު ދަށްނަމަ، މަތީ ގްރޭޑްތަކުގައި ކިޔެވުމަށް ދަށްވާނެ އެވެ.

ސަމްރާގެ ދަރިވަރުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ދަށް ގްރޭޑްތަކުގައި ކުދިންގެ ފެންވަރު ދަށްނަމަ މަތީގްރޭޑް ތަކުގައި މާބޮޑަށް ދަށްވަމުން ދާނެ

އޭލެވެލް ނިންމުމަށްފަހު އޭނާ ޓީޗިން ހެދީ އެ ސަބަބަށްޓަކަ އެވެ. އޭނާގެ ހުވަފެނުގައި ހަގީގީ ކުލަ ޖެއްސުމަށް ކުރި ދިގު ދަތުރުގައި ގިނަ ގޮންޖެހުންތަކާ ދިމާވި އެވެ. އެ ގޮންޖެހުންތަކާ ހުރަސްތައް ގިރާކޮށް ދަތުރު ކާމިޔާބުކުރި ގޮތް ސަމްރާގެ ދުލުން ކިޔުންތެރިންނާ ހިއްސާކޮށްލީ އެހެން މީހުންނަށް ވެސް ފިލާވަޅަކަށް ވާނެކަމުގެ އުންމީދުގަ އެވެ.

މަންމަގެ އިގިލި ކުރީގައި ހިފައިގެން ހިނގި ސަމްރާ ހަގީގީ ދުނިޔެއަށް ލޯހުޅުވުން

ސަމްރާ އުޅެ ބޮޑުވީ މައިންބަފައިންގެ ފުރިހަމަ ހިމާޔަތުގަ އެވެ. އޭނާއަކީ މައިން ބަފައިންގެ ބަސްއަހާ ވަރަށް ކިޔަމަންތެރި ކުއްޖެކެވެ. އުލިގަމު ސްކޫލް ގްރޭޑް 10 ނިމުނުއިރު ވެސް ދުވަހަކު ވެސް އެކަނި ސްކޫލަށް ގޮސްފައެއް ނުވެ އެވެ. ސްކޫލަށް ގެންދިއުމާއި ގެނައުމާއި އަދި އެކްސްޓްރާ ކްލާސްތަކަށް ވެސް ގެންގޮސްދެނީ އޭނާގެ މަންމަ އެވެ. އޯލެވެލް ނިންމައި އޭލެވެލް ހެދުމަށް ހޯރަފުށިންނާއި ދިއްދޫއިން ފުރުސަތު ލިބުނު ނަމަވެސް އެއިން އެއްވެސް ރަށެއްގައި ގާތްތިމާގެ މީހަކު ނެތުމުން އޭނާ މާލެއަށް ބަދަލުވި އެވެ. އަދި ހުޅުމާލޭގެ ޣާޒީ ސްކޫލްގައި 11 އަދި 12 އާ ހަމައަށް ކިޔެވި އެވެ.

ސަމްރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަން އެއްގައި: ކިޔަވަދިނުމަށް އަބަދުވެސް ޝައުގުވެރިވޭ

އުލިގަމުގެ މަޑުމައިތިރި އަދި ހިތްގައިމު މާހައުލުން ހަލަބޮލި މާލޭގެ ދިރިއުޅުމަށް ބަދަލުވި ފުރަތަމަ ދުވަސްކޮޅު އެކަނި އުޅެންޖެހުމުން ގިނަ ދަތިތަކާއި ދިމާވި އެވެ. ނަމަވެސް ދިމާވި ރައްޓެހިންގެ އެހީތެރިކަމާއެކު ވަރަށް އަވަހަށް އެބަދަލަށް ހޭނުނު ކަމަށް ސަމްރާ ބުންޏެވެ. އެބަދަލު އޭނާ ސިފަކުރީ ވަރަށް މުހިންމު ބަދަލެއްގެ ގޮތުގަ އެވެ. އޭގެ ސަބަބުން މީހުންނަށް ބަރޯސާނުވެ، އެކަނި ދިރިއުޅެން ދަސްވި އެވެ. ޒިންމާދާރު ވާން ދަސްވި އެވެ.

ކްލާހުގެ ކުދިންނަށް އެހީތެރިވެދޭ ދަރިވަރެއް: ކިޔަވައިދިނުމުގެ ހުނަރު އަމިއްލައަށް ތަރައްގީކުރަމުން ދިޔަ

ސަމްރާއަކީ އޭނާއަށް އެނގޭ އެއްޗެއް އެހެން މީހުނަށް ބުނެދިނުމުގެ ޝައުގުވެރިކަން ހުންނަ ދަރިވަރެކެވެ. ކްލާސް ތެރޭގައި އުޅޭއިރު އެހެން ކުދިންނަށް އެހީތެރިވެދޭކަން ފާހަގަކޮށް ޓީޗިން ހެދުމަށް އޭނާއަށް ދިވެހި ކިޔަވައިދޭ މުދައްރިސަކު އެއްފަހަރަކު ޚިޔާލެއް ދިންކަން އޭނާ ބުންޏެވެ.

"އޭލެވެލްގައި ދިވެހި މައްދާ ކިޔަވައިދިން އިނާޔާ މިސް އެއްދުވަހަކު ވިދާޅުވަނީ ސަމްރާ ކުދިންނަށް ވަރަށް އެހީތެރިވެދެމެއް ނޫންހޭ. ސަމްރާ ވާންވީ ނޫންހޭ ޓީޗަރަކަށް. އަޅުގަނޑު ބުނިން ރަށުގައި އެބަތިއްބޭ ދިވެހި މާއްދާ ކިޔަވައިދޭ ޓީޗަރުން. ދެން މިސް ވިދާޅުވީ ކޮންމެހެން ދިވެހި މާއްދާ ކިޔަވައިދޭނެ ކަމެއް ނެތޭ ސަމްރާ ކިޔަވައިދޭ ހިތްވާ މާއްދާއެއް ކިޔަވައިދެވިދާނެޔޭ. އެއީ ފުރަތަމަ ޓީޗަރަކަށްވުމަށް ވިސްނުން އައި ހިސާބަކީ،" އޯލެވެލް ނިންމާފައި ކުދިންނަށް ޓިއުޝަން ނަގައި ދިނުމުގެ މަސައްކަތް ވެސް ކުރި ސަމްރާ ކިޔައިދިނެވެ.

ރަށުގައި އިނގިރޭސި ކިޔެވުމުގައި ގިނަ ގޮންޖެހުން: ގޮންޖެހުން ގިރާކޮށް އިނގިރޭސި މުދައްރިސަކަށް

ސަމްރާއަށް އިނގިރޭސި މާއްދާ މުޅިންވެސް ކިޔަވައިދިނީ ބޭރު ޓީޗަރުންކަށް އޭނާ ފާހަގަކުރި އެވެ. ލިބޭ ވަސީލަތްތައް މަދުވުމުގެ ސަބަބުން ވެސް އެ ބަސް ކިޔެވުމުގައި ގިނަ އުނދަގޫތަކެއް ހުންނަކަން އެ ރަށު ކުދިން ބުނެ އެވެ.

އޭނާ ބުނިގޮތުގައި އެބަހަށް ކިޔަވާކުދިން އަހުލުވެރިނުވުމުގައި ލިބެން ހުންނަ ވަސީލަތްތައް މަދުވުން ހިމެނެ އެވެ. ދަށް ގްރޭޑްތަކުގައި ކުދިން އިނގިރޭސި މައްދާއަށް ދަށްނަމަ މަތީ ގްރޭޑްތަކުގައި އެ މާއްދާއަށް ވެސް އަދި އިނގިރޭސި ބަހުން ކިޔަވައިދޭ އެހެނިހެން މާއްދާތަކަށް ވެސް ދަށްވުމުގެ ފުރުސަތު ބޮޑުވާނެކަން އޭނާ ފާހަގަކުރި އެވެ.

އިނގިރޭސި މާއްދާ ކިޔަވައިދޭ ޓީޗަރަކަށްވުމަށް އޭނާ ބޭނުންވީ ރަށުގައި ހުރެގެން ރަށަށް ޚިދުމަތެއްދީ، ރަށުގެ ކިޔެވުމުގެ ފެންވަރު މަތިކުރުމުގެ ބޭނުމުގަ އެވެ.

އޭލެވެލް ނިންމުމަށްފަހު 2018ގައި ސަމްރާ އެމްއެންޔޫއިން ކުރިއަށް ގެންދާ "ބެޗްލާ އޮފް ޓީޗިން އާޓްސްއިން އިނގްލިޝް އިން ފޮރިން ލޭންގުއޭޖް ކޯސް" ގިނަ ޖޮންޖެހުންތަކަކާ އެކު ވެސް ފުރިހަމަ ކުރި އެވެ. ފުރަތަމަ އުނދަގޫވި ކަމަކަށް ދިމާވީ ޔުނިވާސިޓީގެ ކިޔަވިދިނުމުގެ ވައްޓަފާޅި ތަފާތުވުމެވެ. ސާނަވީ އަދި މަތީ ސާނަވީގައި "ސްޕޫން ފީޑް" ނުވަތަ އަނގައިން އަނގަޔަށް އަޅައި ދިންނަމަވެސް ޔުނިވާސިޓީގައި އަމިއްލައަށް ކިޔެވުމަށް އިސްނަގަން ޖެހުމެވެ.

"ހިތަށް އެރި މީވާނެ ކަމެއް ބާއޭވެސް. ދިރިއުޅޭ ގޭގައި ކިޔެވުމަށް އެހާ ފަސޭހައެއް ނޫން އެހެންވީމަ ވަރަށް އުނދަގޫވި ފުރަތަމަ ދުވަސްކޮޅު. އެހެންވެ ޑިގްރީ ފެށިގެން ނިމެންދެން ވެސް ގިނަ ވަގުތު އަޅުގަނޑު ހޭދަކުރީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކޮމްޕިއުޓާ ލެބްގައި،" ސަމްރާ ބުންޏެވެ.

ސަމްރާ ދަރިވަރުންތަކަކާ އެކު: އަނގައިން އަނގަޔަށް އަޅައިދީގެން ކިޔަވައިދިނުމުން ފަހުން އެކަމުގެ ގެއްލުން ލިބޭނެ

ކޮވިޑްގެ ހާލަތުގައި ކިޔެވުން ހުއްޓުނު:އޮންލައިން ކިޔެވުން މުޅިށް އާ އުނދަގޫ ތަޖުރިބާއެއް

ކޮވިޑް ފެށި ޔުނިވާސިޓީގެ ކިޔެވުން ބަންދުވުމާއެކު ސަމްރާގެ މަންމަ އެދުނީ އަވަހަށް ރަށަށް އައުމަށެވެ. ރަށަށް ކުރި ދަތުރުގައި ބޯޓުގައިއިން ބައިވެރިއަކު ކޮވިޑަށް ޕްސިޓިވްވި އެވެ. އެއާއެކު އެބޯޓުން ދަތުރުކުރި އެންމެން ކަރަންޓީނު ކުރަން އަމުރުއަ އެވެ. ސަމްރާއަށް ވެސް ޖެހުނީ އަމިއްލަ ރަށުގައި އެހެން ގެއެއްގައި އެކަހެރިކޮށް މުޅި ރޯދަމަހު ކަރަށްޓީނުވާށެވެ. އެކަމުގެ ސަބަބުން ބޮޑު ނަފްސާނީ ބަލިމަޑުކަމެއް އޭނާއަށް ލިބުނެވެ.

"ކޮވިޑްގެ ހާލަތު ކުޑަކޮށް ރަނގަޅުވުމާއެކު ދެން ފެށުނީ އޮންލައިން ކްލާސްތަކެއް. އޮންލައިން ކްލާހެއްގެ އެއްވެސް ތަޖުރިބާއެއް ނެތުމުން އެގޮތަށް ކިޔަވަން ވަރަށް އުނދަގޫވި. އެސައިންމަންޓް ހަދަން އިންނައިރު ބައެއް ދުވަސް ދުވަހު ރޮން. އިމްތިހާން ނިންމާފައި ވެސް ރޯދުވަސްތައް އަދިވެސް ހަނދާންވޭ،" ސަމްރާ ބުންޏެވެ.

ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާ އެތައް އާކަންތައްތަކާއެކު ވެސް ލެކްޗަރާއިންނާއި، ރައްޓެހިން އަދި މައިންބަފައިންގެ ބޮޑު އެއްބާރުލުމާއެކު ކޯސް ފުރިހަމަ ކުރެވުނެވެ.

"އަޅުގަނޑުގެ މަންމަގެ ފަރާތުން އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ. މަންމަ އަބަދުވެސް ބުނާނެ މަންމަގެ ހެޔޮދުއާ އަބަދުވެސް އަޅުގަނޑާއެކީ ވާނެޔޭ،" ވަރަށް އުފަލާއެކީ ސަމްރާ ބުނެލި އެވެ.

2021 ގައި އެމްއެންޔޫ އިން ގްރެޖުއޭޓްވުމަށްފަހު އުލިގަމް ސްކޫލުގެ އިގިރޭސި ޓީޗަރެއްގެ ވަޒީފާއާ އޭނާ ހަވާލުވި އެވެ.

ސަމްރާ: ކިޔަވައިދޭ ކުދިންނަކީ އަމިއްލަ ކުދިން ކަމުގައި ދެކޭ

ޖަވާޖީ ހަޔާތެއް ފެށުން: ދާއިރާ ދުރަށް އަދި އަލަތު ދަރިފުޅު ލިބުން

ސަމްރާ ޒަވާޖީ ހަޔާތެއް ފެށީ 2022ގަ އެވެ. އޭރު ކަންދިމާކުރި ގޮތުން ކައިވެންޏަށްފަހު ވަޒީފާ ދޫކޮށްލާފައި މާލެއަށް ބަދަލުވާން ޖެހުނެވެ. އެއީ އޭނާގެ ފިރިމީހާއަކީ މާލޭގައި ދިރިއުޅޭ މީހަކަށް ވީތީ އެވެ. އެއަށްފަހު ކުރިން ކަކުލަށް ލިބިފައި ހުރި ގެއްލުމަކަށް ބޭސްކޮށް ރަނގަޅުވުމުން ގޭގަ ހުސްކޮށް ނުހުރެ ކޮންމެވެސް ވަޒީފާއެއް އަދާކުރުމުގެ މަގްސަދުގައި ހުޅުމާލޭ ހޮސްޕިޓަލްގެ ވަޒީފާއެއްގައި ދުވަސްކޮޅަކު އުޅުނެވެ.

"ކިޔަވައިދިނުމުގެ ދާއިރާގެ މީހަކު ހޮސްޕިޓަލުގެ ކްލިނިކަލް އެސިސްޓަންޓްއެއްގެ ވަޒީފާއަށް ކުރިމަތިލުމުން އިންޓަވިއުގައި އެކަމާ ބެހޭގޮތުން ސުވާލު ވެސް ކުރި. ޓީޗިން ޖޮބެއް އޭރު ނުލިބުނު ވާހަކަ ބުނިން. ދެން ފަހުން ހޮސްޕިޓަލް ވަޒީފާ ހަމަޖެހުނު،" ސަމްރާ ބުންޏެވެ.

ހޮސްޕިޓަލުގެ ވަޒީފާގައި އުޅެނިކޮށް ބަލިވެއިނެވެ. ދެފަރާތުގެ އާއިލާ ވެސް ރަށުގައި ތިބުމުން ސަމްރާ ވިސްނީ ދަރިޔަކު ލިބުމުން އެންމެ ރަނގަޅު ގޮތަކީ އެހީ ލިބޭނެ ދިމާލެއްގައި ދިރިއުޅުމުވެ. ވިހެއުމަށްފަހު އެއްމަސް ވުމުން ދަރިފުޅު ގޮވައިގެން ރަށަށް ބަދަލުވި އެވެ އަދި ދަރިފުޅަށް ހަމަސްވުމުން ކުރިން ހުރި ވަޒީފާއަށް އަނެއްކާ ވެސް ނިކުތެވެ.

ސަމްރާގެ ފިރިމީހާ އަދި ފިރިމީހާގެ މައިންބަފައިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ދެފަރާތުގެ އާއިލާއިން ބޮޑު އެހީތެރިކަމެއް ލިބޭ

ދަރިޔަކުލިބުމަށް ފަހު ބުރަ ނަމަވެސް ގިނަބައެއްގެ އެހީތެރިކަން ލިބޭ

ސަމްރާ ބުނިގޮތުގައި ދަރިއަކު ބަލަމުން ވަޒީފާ އަދާކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ ކުރިއާ ޚިލާފަށް އެ މަސައްކަތައް މިހާރު ހުސްވެ ނުހުރެވޭތީ އެވެ. ނަމަވެސް އެކަމުގައި ސްކޫލް މެނޭޖްމަންޓުން ދޭ ލުއިތައް ފާހަގަކޮށް ސްކޫލް މެނޭޖްމަންޓަށް އޭނަ ވަރަށް ބޮޑަށް ޝުކުރު އަދާކުރެ އެވެ.

ސަމްރާ (މެދުގައި) ގާތްރައްޓެހިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: މަސައްކަތުގައި ގާތް ރައްޓެހިންގެ އެހީތެރިކަންލިބޭ

"އިނގިރޭސި ހަރުބަހެއްގައި އޮވޭ "އިޓް ޓޭކްސް އަ ވިލޭޖް ޓު ރެއިންޒް އަ ކިޑް " (ދަރިއަކު ރަނގަޅަށް ބަލާ ބޮޑުކުރުމަށް މައިންބަފައިންގެ އިތުރުން އެތަށް ބައެއްގެ އެހީތެރިކަން ބޭނުންވޭ) އަޅުގަނޑުގެ އެ "ވިލެޖް" އެބަ އޮތް. ފިރިމީހާގެ އާއިލާ އާއި އަޅުގަނޑުގެ އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. އަޅުގަނޑު ހެނދުނު 6:45 އަށް ސްކޫލަށް ދާންޖެހޭ. އަޅުގަނޑު ނެތް ގަޑީގައި ބޭބީ ގެންގުޅުމާއި، ކާންދިނުމާއި، ފެންވެރުމާއި، އެހުރިހާ ކަމެއްވެސް އެމީހުން ކޮށްދޭނެ،" ސަމްރާ ބުންޏެވެ.

ސަމްރާ އާއިލާއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން:މަސައްކަތުގައި އާއިލާގެ ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބޭ

ސަމްރާގެ ވަޒީފާއަކީ އޭނާ ބުނާ ގޮތުގައި ވަރަށް ޗެލެންޖިން (ގޮންޖެހުން ގިނަ) އަދި ވަރަށް ޑިމާންޑިންގް (ހިނގާ/ ބޭނުންތެރި) ވަޒީފާއެކެވެ. އެހެން ނަމަވެސް އޭނާ ހިތްހަމަޖެހޭ އެތައް ކަމެއް އެ މަސައްކަތުގައިވެ އެވެ. އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ލިބޭ އުފާވެރި ބަސްތައް ކަން އޭނާ ފާހަގަކުރި އެވެ. އޭނާ ކިޔަވައިދޭ ކުދިން ދެކެ އޭނާ ވަރަށް ލޯބިވެ އެވެ. އަދި އެ ކުދިންނަކީ އަމިއްލަ ދަރިން ކަމަށް ބަލަ އެވެ.

"ބައެއް ބެލެނިވެރިން ބޭރުން ފެނިގެންވެސް ގޮވާލާފައި ބުނެލާނެ މިސްގެ ވާހަކަ އަޅުގަނޑުގެ ދަރިފުޅު ބުންޏޭ. އަޅުގަނޑުގެ ދަރިފުޅުގެ ވަރަށް ފޭވަރިޓް ގަޑިއެކޭ އިންގްލިޝް ގަޑިއަކީ. ދެން އެކީގައި ކިޔަވަދޭ ޓީޗަރުން ވެސް ބުނާނެ ކުދިން ބުނެޔޭ އެކުދިންގެ ފޭވަރިޓް ގަޑިޔޭ އިންގްލިޝް ގަޑިއަކީ،" އޭނާ ވަރަށް އުފަލާއެކު ބުންޏެވެ.

ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންނަށް ދޭ ނަސޭހަތަކީ ކޮބައިތޯ އެހުމުން ސަމްރާ ހުރިހާ ކިޔަވާ ކުދިންނަށް ވަރަށް ރަނގަޅު ނަސޭހަތެއް ވެސް ދިނެވެ.

"ދަރިވަރުންނަށް ދޭނެ ނަސޭހަތަކީ ކްލާހުގައި ކިޔަވަން ލިބޭ އެ 35 މިނިޓް އަކީ ވަރަށް ކުޑަ ވަގުތު ކޮޅެކޭ. ލިބޭ ހުސް ވަގުތުތަކުގައި މަދުވެގެން 30 ވަރަކަށް މިނިޓްސް ނުވަތަ 15 ވަރަކަށް މިނިޓްސް ފޮތެއް ކިޔާލާށޭ. ނުވަތަ އެފޮތަކުން ލިބޭ މައުލޫމާތު އެހެން މީހަކަށް ކިޔާލަދޭށޭ. އެކި ސްކިލްތައް(ހުނަރުތައް) ޑިވެލޮޕް (ތަރައްގީ) ވާނީ އެކި ގޮތަށޭ،" ސަމްރާ ބުންޏެވެ.

ސަމްރާ ކުލާހެއްގައި: ލިބޭ ހުސްވަގުތު ތަކުގައި ފޮތްކިއުމަށް ކިޔަވާކުދިންނަށް ނަސޭހަތްތެރިވޭ

ހަމަ އެނޭވާގައި ބެލެނިވެރިންނަށް ވެސް ސަމްރާގެ ވަރަށް މުހިންމު މެސެޖެއް ދޫކޮށްލި އެވެ.

"ބެލެނިވެރިން ކުދިންނާއެކު ފޮތް ކިޔުމުގައި މަދުވެގެން 15 ވަރަކަށް މިނިޓު ނަމަވެސް ހޭދަކޮށްލާށޭ. ބެލެނިވެރިޔާ އާއެކީ ފޮތް ކިޔައިލީމައި ދެފަރާތުގެ ދެމެދުގައި ބަދަލު ކުރެވޭނެ ވާހަކަ. ނަމަވެސް އެކުއްޖާ އެކަނި ދޫކޮށްލީމަ ފޫހިވެ، ފޮތްކިއުމަށް ހުންނަ ޝައުގުވެރިކަން ގެއްލޭ،" އޭނާ ބުންޏެވެ.

ސަމްރާ ބުނިގޮތުގައި ކިޔަވައިދިނުމަކީ ވަރަށް ހިތްހަމަޖެހޭ އުފާވެރި މަސައްކަތެކެވެ. ތެދު ނިޔަތެއްގައި ކޮށްފިއްޔާ ދެ ދުނިޔޭގައި ވެސް ސަވާބު ލިބޭނެ ކަމެކެވެ.

"އަޅުގަނޑު މިކަންކުރަނީ ހަމައެކަނި އަޅުގަނޑަށް ލިބޭ މުސާރައިގެ މައްޗަށް ބިނާކޮށެއް ނޫން. އަޅުގަނޑު ދެންދާން އޮތް ދުނިޔޭގައި ވެސް ހެޔޮ ޖަޒާ ލިބޭނެ ކަމުގެ އުންމީދުގައި. ކުދިންނާއެކީ މަސައްކަތް ކުރުމަކީ ވަރަށް އުފާވާ ކަމެއް. ވަރަށް ހިތްހަމަޖެހޭ ކަމެއް. މިމަސައްކަތަކީ ރަނގަޅަށް ކޮށްފިނަމަ މީހުންގެ އިހުތިރާމާއި ލޯބިވެސް ލިބޭ މަސައްކަތެއް،" ސަމްރާ ދެކޭ ގޮތް ބުނެލި އެވެ.