ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ ތެރެއިން ދައުލަތުން ހުށަހެޅި އާ ހެކި ބަލައި ނުގަންނަން ހައިކޯޓުން އެންގި އެންގުން ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

ދައުލަތުން އާ ހެކި ހުށަހެޅި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއްގައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި އެ ހެކިތައް ކްރިމިނަލް ކޯޓުން ބަލައިގަތަސް، އިސްތިއުނާފު މަރުހަލާގައި ހައިކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ.

ދައުލަތުން ހެކި ހުށަހެޅީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްގެ ހެކިބަހަކީ ކަނޑައެޅިގެން ދޮގުކަން ސާބިތުކޮށްދިނުމަށެވެ. އެކަން ސާބިތުކުރަން ދައުލަތުން ހުށަހަޅަން އެދުނީ އޭސީސީގެ ތަހުގީގަށް ލިބުނު ރައީސް އޮފީހުގެ ސިޓީތަކަކާއި އިކޮނޮމިކް ކައުންސިލްގެ ސޮއިކޮށްފައިވާ ޔައުމިއްޔާއަކާއި އެއާ ގުޅޭ ތަހުލީލެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު އަހްމަދު ޝަފީއު ވިދާޅުވީ ހެކިވެރިޔާ ހެދީ ކަނޑައެޅިގެން ދޮގުކަން އެނގިހުރެ އެކަން ސާބިތުކޮށްދިނުމުގެ ފުރުސަތު ނުދީފި ނަމަ އިންސާފުވެރިކަން ގެއްލިގެންދާނެ ކަމަށެވެ. އަދި އެއީ މިހާރު ވެސް ހާމަކޮށްފައި ހުރި ހެކިތަކެއް ކަމުން، އެ އަށް ރިއާޔަތް ކުރުމުގެ ފުރުސަތު ދަށު ކޯޓަށް ދޭން ޖެހޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ.

އާ ހެކިތައް ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ އެއާ ގުޅޭ ގޮތުން ވާހަކަ ދައްކަން ކްރިމިނަލް ކޯޓުން ފުރުސަތު ދީފައި ނެތުމުންނެވެ. އެހެންވެ އެ އިޖުރާއަތް ފުރިހަމަ ކުރަން ކްރިމިނަލް ކޯޓަށް ފުރުސަތު ދެވެންޖެހޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ދައުލަތުގެ ވަހާކަތަކަށް ރައްދުދެއްވަމުން ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ ކޮންމެ ވަގުތެއްގައި ވެސް ހެކި ހުށަހެޅިދާނެ ކަމަށް ގަބޫލު ކުރުމަކީ މި ޒަމާނުގައި ޝަރީއަތް ކުރުމުގެ ވިސްނުމެއް ނޫން ކަމަށެވެ.

ހަމްޒާ ވިދާޅުވީ އާ ހެކި ހުށަހެޅުމުގެ ފުރުސަތު ދެވެންޖެހޭނީ އިންސާފަށް ވާސިލުވުމަށް ކޮންމެހެން މުހިންމު ޑީއެންއޭ ފަދަ ހެއްކެއް ހުށަހަޅަން ޖެހިއްޖެ ހާލަތުގައި އެކަނި ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ ގުޅިގެން ގޮތެއް ކަނޑައަޅާއި ހުކުމް އިއްވާނެކަން އިއުލާން ކުރެއްވުމަށްފަހު އެވެ.