ކޮވިޑް-19 އާ ގުޅިގެން ފިޔަވަޅުތައް އަޅަނީ އެއްވެސް ބަޔަކަށް ދަތިކުރާކަށް ނޫން ކަމަށް އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މައިމޫނާ ވިދާޅުވީ ފިޔަވަޅުތައް އަޅަނީ އެއްވެސް ބަޔަކަށް ދައްޗެއް ދިނުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ ބަލިން ރައްކާތެރިކުރުމަށްޓަކައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ.
މައިމޫނާ ވިދާޅުވީ އެޗްޕީއޭ އިން ފިޔަވަޅުތައް އަޅަނީ ބަލި އޭރު އޮތް ހާލަތަށް ބެލުމަށްފަހު ބަލި ކޮންޓްރޯލް ކުރުމަށް އެވަގުތަކު އަޅަން ޖެހޭ އެންމެ އެކަށީގެންވާ ފިޔަވަޅުތައް ކަމަށެވެ.
އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް އަންނަ ކަމަށް ވިދާޅުވެ ބައެއް މެމްބަރުން މިއަދު ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތައް އަވަހަށް ބަންދު ކުރަން އަންގާއިރު، ފިހާރަތައް ލަހުން ބަންދުކުރާ ގޮތަށް ހަމަޖެއްސުމަކީ އިންސާފުވެރި އަދި ހަމަޖެހޭ ކަމެއް ނޫން ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން މައިމޫނާ ވިދާޅުވީ ރެސްޓޯރަންޓުތަކާއި ކެފާ ފަދަ ތަންތަނަކީ ބަލިފެތުރުމުގެ ރިސްކު ބޮޑު ތަންތަން ކަމަށެވެ. ސަބަބަކީ އެތަންތަނުގައި މާސްކް ނާޅައި، ގައިދުރުކަމެއް ނެތި ތިބޭތީ ކަމަށް މައިމޫނާ ވިދާޅުވި އެވެ.
މައިމޫނާ ވިދާޅުވީ އެޗްޕީއޭ އިން މަސައްކަތް ކޮށްފައި ވަނީ އެފަދަ ވިޔަފާރިތައް ވެސް މުޅިން ބަންދުނުކޮށް ވަކި އުސޫލެއްގެ ދަށުން އެތަންތަން ހިންގޭނެ ފަދަ ގޮތެއް ހަމަޖެއްސުމަށް ކަމަށެވެ.
އާންމު އެއްޗިހި ވިއްކާ ފިހާރަތަކުގައި ތިބެނީ މާސްކު އަޅައިގެން ކަމަށާއި ނަމަވެސް ކެފޭ، ރެސްޓޯރަންޓު ފަދަ ތަންތަނުގައި އެފަދައިން އަމަލެއް ނުކުރެވޭނެ ކަމަށް މައިމޫނާ ވިދާޅުވި އެވެ.
ހަމައެހެންމެ ރެސްޓޯރަންޓުތަކުގެ ތެރޭގައި ކައިބޮއެ ހެދުމަކީ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައިމޫނާ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްފައި މިވަނީ ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ހުރިހާ ފިޔަވަޅެއް އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އެމަނިކުފާނު މަސައްކަތް ކުރައްވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީއަށް އޮތް ތާއީދު ގެއްލިދާނެތީ މީހުންގެ ރުހުން ހޯދުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.