ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޯމަދުވަހު ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެލާޓްތައް ވެސް ދަނީ ނެރެމުންނެވެ. އެގޮތުން ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރެފައި ވަނީ މިއަދުގެ 2:30 އަށެވެ. އަދި ހއ. އަތޮޅުން ފެށިގެން ޅ އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑުއަށް ވަނީ ހުދު އެލާޓް ނެރެފަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ގދ. ފާރެސްމާތޮޑާއަށެވެ. އެއީ 129.7 މިލިމީޓަރުގެ ވާރޭ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި އުތުރާއި އިރުއުތުރުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.