ޗައިނާގެ ޓޫރިސްޓުން ކުއްލިއަކަށް މިދިޔަ ހަފުތާގައި އިތުރުވެގެން ދިޔައީ ޗައިނީސް އާ އަހަރާ ދިމާކޮށް ޗުއްޓީއަށް އެ ގައުމުގެ ގިނަ ބަޔަކު ރާއްޖެ އަންނަން ފެށުމާ ގުޅިގެން. ޗައިނީސް މީހުން މިއަހަރު އާ އަހަރު ފާހަގަކުރަނީ މިމަހުގެ 29 އިން ފެބްރުއަރީ 12ގެ ނިޔަލަށް.

ރާއްޖެއަށް މިމަހުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި ޗައިނާއިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޗައިނާގެ ޓޫރިސްޓުން ކުއްލިއަކަށް މިދިޔަ ހަފުތާގައި އިތުރުވެގެން ދިޔައީ ޗައިނީސް އާ އަހަރާ ދިމާކޮށް ޗުއްޓީއަށް އެ ގައުމުގެ ގިނަ ބަޔަކު ރާއްޖެ އަންނަން ފެށުމާ ގުޅިގެންނެވެ. ޗައިނީސް މީހުން މިއަހަރު އާ އަހަރު ފާހަގަކުރަނީ މިމަހުގެ 29 އިން ފެބްރުއަރީ 12ގެ ނިޔަލަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ޗައިނާއިން 17،510 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ ހަފްތާ ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް ހަތަރު ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. އެހެން ނަމަވެސް ހަފްތާއެއް ތެރޭ ޗައިނާއިން ރާއްޖެއަށް ވަނީ 9،616 ޓޫރިސްޓުން އައިސްފަ އެވެ. މިއާއެކު މިހާރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމެވެ.

އަހަރު ފެށުނުއިރު ޗައިނާއިން ރާއްޖެއަށް އައިޓޫރިސްޓުންގެ އަދަދަށް މަޑު ޖެހުމެއް އަ އެވެ. އެގޮތުން އަހަރުގެ ފުރަތަމަ ހަފްތާ ނިމުނުއިރު ޗައިނާ އޮތީ ލިސްޓުގެ 5 ވަނައިގަ އެވެ. ޗައިނާއަކީ މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައ ގައުމެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު އިރު އެ ގައުމުން ރާއްޖެއަށް 263،042 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

ރާއްޖެއަށް ދެވެނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.

އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް

  • ޗައިނާ – 17,510 ޓޫރިސްޓުން
  • ރަޝިއާ – 17,086 ޓޫރިސްޓުން
  • އިޓަލީ – 15,030 ޓޫރިސްޓުން
  • އިނގިރޭސިވިލާތް- 13,091 ޓޫރިސްޓުން
  • ޖަރުމަން – 8,931 ޓޫރިސްޓުން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 146،164 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %8.6 އިތުރު އަދަދެކެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،644 ޓޫރިސްޓުން އާދެ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ ދެ މިލިޔަން ޓޫރިސްޓުން އައިސްފަ އެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.2 މިލިޔަން ޓޫރިސްޓުން ގެނައުމަށެވެ.