ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފައި އޮތް ފްރީ ޓްރޭޑް އެގްރިމަންޓަށް އަމަލު ކުރަން ފެށުމުން ރާއްޖެއަށް ދޭ މާލީ އެހީތައް ހުއްޓާލުމުގެ ބިރުބޮޑުވެއްޖެ އެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސް އިން ޝާއިއު ކުރި ހަބަރެއްގައި ވަނީ އިންޑިއާގެ ކަންބޮޑުވުމަކީ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބުމެވެ. އެހެންވެއްޖެ ނަމަ އިންޑިއާއިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް އިންޑިއާއިން ދެކެ އެވެ.
ރާއްޖެއިން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާއިން ވަނީ މިދިޔަ އޮކްޓޯބަރުގައި ރޯލްއޯވާ ކޮށްދީފަ އެވެ. ރޯލްއޯވާ ކުރުމަކީ ލޯނު ދައްކަންޖެހޭ ތާރީހުތަކަށް ބަދަލު ގެނައުމެވެ. އޭގެ އިތުރުން، އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން ރުޕީސް (400 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕެއް ވެސް ރާއްޖެއަށް ހަމަޖައްސައިދީފަ އެވެ. އެއާއެކު ރާއްޖޭގެ ފޮރިން ކަރެންސީ ރިޒާވް ވަގުތީ ގޮތުން ހަމައަކަށް ހަމަޖެއްސިފައިވެ އެވެ.
ޗައިނާ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ގާތްގަނޑަކަށް އަހަރަކު 40 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ. އެއީ ކަސްޓަމްސް ޑިއުޓީއިން މަދުވާ ބައި އެވެ. އޭގެ އިތުރުން ތުރުކީއާއެކު ސޮއި ކުރި އެފްޓީއޭގެ ސަބަބުން ވެސް ގާތްގަނޑަކަށް ހަމަ އެ އަދަދު އަހަރަކު ގެއްލޭނެ ކަމަށް އިންޑިއާއިން ގަބޫލު ކުރެ އެވެ.
ޖެނުއަރީ 1، އިން ފެށިގެން ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ދަށުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ކުރާ އުފެއްދުންތަކުގެ 95 ޕަސެންޓަށް ވުރެ ގިނަ ބާވަތްތަކުން ނަގާ ޓެރިފް މައާފްކުރެވެ އެވެ. މިގޮތުން ޗައިނާގެ ސިނާއީ އުފެއްދުންތަކާއި ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކުގެ އިތުރުން ރާއްޖޭގެ ކަނޑުގެ އުފެއްދުންތަކާއި ޓެކްސްޓައިލް މާފުކުރާ ބާވަތްތަކުގެ ތެރޭގައި ހިމެނެ އެވެ. ސެޓްފިކެޓް އޮފް އޮރިޖިންއާއެކު ވިޔަފާރިތަކަށް ޓެރިފް ލުއިތަކުގެ ބޭނުން ހިފޭނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އެފްޓީއޭއާއެކު ރާއްޖެއަށް އެންމެ ގިނަ މުދާ އިމްޕޯޓްކުރާ ގައުމުން ގެންނަ ވަރަށް ގިނަ ބާވަތްތަކަށް ޑިއުޓީ މައާފްވާނެ އެވެ. މިއާއެކު ކަސްޓަމްސްްއަށް ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީ ދަށްވާނެ އެވެ.
ރާއްޖެއިން ޗައިނާއާއެކު އެފްޓީއޭގައި ސޮއި ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ. އެކަމަކު، އެގްރިމަންޓަށް އަމަލު ކުރަން ފެށީ މި ޖެނުއަރީ މަހެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެގްރިމަންޓަށް އަމަލު ކުރަން ފަށާނެ ކަމަށް ވެސް ސަރުކާރުން ކުރިން ބުންޏެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި އަމަލު ކުރުން ފަސް ކުރީ އެވެ.