ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކުރުމުން ނުވަތަ ވަކިވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން އަންނަ މަހު ފަށަން ހަމަޖައްސައިފި އެވެ.

ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީން އިސްވެ އޮވެ މިދިޔަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.

އެ މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތާވަލްކުރީ އަންނަ މަހުގެ 17 ވަނަ ދުވަހަށެވެ.

އެ މައްސަލާގެ ތެރެއަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީން ވަނީ ތަދައްހުލްވެފަ އެވެ.

އެގޮތަށް މިދިޔަ އަހަރު ގާނޫނު އަސާސީ އިސްލާހުކުރީ ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ ވޯޓުންނެވެ. އެ އިސްލާހާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އިހްތިޖާޖްކުރި ނަމަވެސް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ކޮންޓްރޯލްކުރާ ޕީއެންސީން އެ އިސްލާހު ދިފާއުކުރި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ތާވަލް ކުރިއިރު ޕީއެންސީގެ އެތެރޭގައި ބައިބައިވުންތައް އޮތީ އުފެދިފަ އެވެ. އޭގެތެރެއިން ދާދިފަހުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް 2018 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް އެ ގާނޫނު ފަހުން ވަނީ އުވާލައިފަ އެވެ.